ޔޫއެފާ ސުޕަ ކަޕުގައި ޔޫރަޕުގެ ޗެމްޕިއަން ބަޔާނުން ސްޕެއިންގެ ސެވިއްޔާގެ މައްޗަށް ކުރި ހޯދައި ޔޫއެފްއާ ސްޕަކަޕް ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ޗެމްޕިއަން ބަޔާނުން މި މެޗު ކާމިޔާބު ކުރީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑާއިއެކު 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ދަނޑަށް ސަޕޯޓަރުން ވެއްދި މެޗުގައި ވާދަވެރި ކުޅުމުއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސެވިއްޔާއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ބަޔާންގެ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް އަލަބާ ސެވިއްޔާގެ ރަކިޓިޗް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެންލްޓީގައި ލަނޑު ކާމިޔާބު ކޮށްދިނީ ލޫކަސް އޮކަމްޕޮސްއެވެ.

މެޗުގެ 34 ވަނަ މިނެޓްގައި ބަޔާނުން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު ރޮބާޓް ލެވަންޑޮސްކީގެ އެހީ އާއިއެކު ބަޔާނަށް ކާމިޔާބު ކޮށްދިނީ ލިއޮން ގޮރެޓްޒެކާއެވެ. މެޗުގެ ފުރަތަމަ ހާފް 1-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގެ 51 ވަނަ މިނެޓްގައި ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑެއް ވަނީ ބާތިލް ކޮށްފައެވެ. މެޗުގެ 90 މިނަޓް ހަމަވީ އިރުވެސް މެޗުގެ ނަތީޖާ އެއްވަރުވެފައި ވުމުން ކުޅުނު އިތުރު ވަގުތުގައި ބަޔާނުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 104 ވަނަ މިނަޓްގައި ބަޔާނަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖާވިއޭ މާޓިނޭޒެވެ.

މި މޮޅާއިއެކު ބަޔާނުން ޔޫއެފާ ސުޕަ ކަޕް އުފުލާލި އިރު، އެ ޓީމުން ވަނީ ނިމިދިޔަ ސީޒަންގައި ޓްރެބަލް ކާމިޔާބު ކޮށްފައެވެ. މިމެޗުން ބަލިވުމާއި އެކު ޔޫރަޕާ ލީގު ޗެމްޕިއަން ސެވިއްޔާއަށް ވަނި އެ ޓީމުގެ 21 މެޗުން ބަލިނުވެ ދެމެހެއްޓި ރެކޯޑު ގެއްލިފައެވެ.