އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ޕްރިމިއާ ލީގު ޗެމްޕިއަން ލިވަޕޫލާއި ލިންކޮލޮން ސިޓީ ބައްދަލު ކުރި މެޗު ލިވަޕޫލުން ކާމިޔާބުކޮށް ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

މި މެޗުން މޮޅުވެ ލިވަޕޫލް ހަތަރުވަނަ ބުރަށް ދަތުރު ކުރުމާއި އެކު އެ ޓީމު ހަތަރު ވަނަ ބުރުގައި ނިކުންނަން ޖެހޭނީ ވާދަވެރި އާސެނަލާއި ދެކޮޅަށެވެ. ރޭ ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 7-2 ގެ ފަރަގު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 9 ވަނަ މިނެޓްގައި މި ލަނޑު ލިވަޕޫލަށް ޝަކީރީ ކާމިޔާބު ކޮށްދިން އިރު މެޗުގެ 18 ވަނަ މިނެޓްގައި ލިވަޕޫލްގެ ޓަކުމީ މިނާމިނޯ ވަނި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. 32 ވަނަ މިނެޓްގައި އޮރީގީގެ އެހީއާއެކު ކުރްޓިސް ޖޯންސް 3 ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ 4 މިނެޓް ފަހުން ޖޯންސް އަނެއްކާ ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް 4-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފަށް ނިކުމެ ފުރަތަމަ މިނެޓްގައި މިނާމިނޯ ވަނީ ލިވަޕޫލްގެ 5 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ލިންކޮލަން ސިޓީގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓްގައި ޓާޔޯ އެޑުން އެޓީމަށް ކާމިޔާބު ކޮށްދިންއިރު އޭގެ ފަސް މިނެޓު ފަހުން ލިވަޕޫލްގެ މާކޯ ގުރުޖިކް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ލެވިސް މޮންޓަސްމާ ލިންކޮލޮން ސިީގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު މެޗުގެ 89 ވަނަ މިނަޓުގައި ލިވަޕޫލްގެ 7 ވަނަ ލަނޑު ކާމިޔާބު ކުރީ އޮރިގީއެވެ.

މިމެޗުން މޮޅުވެ ލިވަޕޫލް ހަތަރު ވަނަ ބުރުގައި އާސެނަލާއި ދެކޮޅަށް ނިކުންނަން ޖެހޭއިރު ރޭ މެންޗެސްޓާ ސިޓީންވެސް ވަނީ ބޯނެމޮތް ބަލިކޮށް ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފައެވެ.