ޓޮޓެންހަމަށް ކުޅެމުން އަންނަ ފޯވާޑް ހެރީ ކޭން ހުރީ އަނިޔާގައި ނޫންކަމަށް އިނގިރޭސި ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ނޭޝަންސް ލީގުގައިި އިނގިރޭސި ގައުމީ ޓީމު ބެލްޖިއަމް އަތުން މޮޅުވި މެޗުގައި ކޭން ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 66 ވަނަ މިނެޓުގައެވެ. މި މެޗުގައި ކޭން ފުރަތަމަ އެގާރައިގައި ނުފެނުމުގެ ސަބަބުން މީސްް މީޑިއާގައި ދައުރުވަމުން ދިޔައީ ކޭން އަނިޔާގައި ހުރިކަމުގެ ވާހަކަތަކެކެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް ޓޮޓެންހަމުގެ ކޯޗު މޮރީނިއޯ ވަނީ މިހާ ގާތްގާތުގައި މެޗުތައް ކުޅެމުންދާ ދަނޑިވަޅެއްގައި ގައުމީ ކޯޗުންނަން ކުޅުންތެރިންގެ ރައްކާތެރިކަމަށް ބެލުމަށް ގޮވާލާފައެވެ. މިކަމަށް ރައްދުދެމުން އިނގިރޭސި ކޯޗު ސައުތްގޭޓް ބުނީ އޭނާ ބޭނުންވަނީ ކުޅުންތެރިން އެންމެ ފިޓުކޮށް ރަނގަޅު ފޯމުގައި ބޭތިއްބުމަށް ކަމަށެވެ.

" އަހަރެންނަށް އަސްލު ނޭނގެ އެއީ ކީއްވެ ދެކެވޭ ވާހަކައެއް ކަމެއް ، ކޭން އެ މެޗުގައި އަސްލު ފުރަތަމަ ކުޅެން ނޭރުވީ ރަނގަޅަށް ފަރިތަކުރުންތަކުގައި ވަގުތު ދެވިފައި ނުވާތީ ، އެ މެޗުގައިވެސް އޭނާ ހުރީ ފިޓްކޮށް ހަމަ ރަނގަޅަށް " ސައުތްގޭޓް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ މިދިޔަ ހަފްތާގައި ކުރި ސްކޭންތަކަށް ފަހު އެއްްވެސް ކުޅުންތެރިއަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ.

މިއަހަރު ކުޅުނު މެޗުތަކުން ކޭން އަށް އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވެއެވެ. އޭނާ ވަނީ މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް 48 މެޗު ކުޅެދީ 32 ލަނޑު ކާމިޔާބުކޮށްފަަ އެވެ. ދެން ކުރިއަށް އޮތް މެޗުގައި އިނގިރޭސި ގައުމީ ޓީމު ނިކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.