އަންނަ އަހަރުގެ ޖެނުއަރީގައި ހުޅުވާ ޓްރާންސްފަރ ބާޒާރުގައި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ހޯދުމަށް 15 މިލިއަން ޕައުންޑު ހުށައަޅަން އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެސީ ވަނީ އެންމެ ފަހުން ނިމުނު ޓްރާންސްފަރ ބާޒާރު ދުވަސްވަރު ކުލަބު ބަދަލުކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާއަށް ބަދަލު ނުވެވުނީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާނަމަ އޭނާ ބޭނުންވެގެން އުޅޭ ކުލަބަކުންް 700 މިލިއަން ޔޫރޯ ދައްކަން ޖެހޭތީއެވެ. މިއީ އެއްވެސް ކުލަބަކަށް ދެއްކޭވަރުގެ އަދަދެއް ނޫނެވެ.

އުމުރުން 33 އަހަރުގެ މެސީ އެގޮތަށް ނިންމީވެސް އެެހެން ކުލަބުތަކުން އޭނާ ހޯދުމަށް ތަކުލީފު އުފުލަން ޖެހިދާނެތީއެވެ. ބާސާގައި މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަން ނިމުމުންނެވެ. މެސީ ކުލަބުގައި މަޑުކުރަން ނިންމީ ކުލަބުގެ ބޯޑާއި ވާހަކަތަކެއް ދެކެވުމަށްފަހު ދެ ފަރާތުން އެއްބަސްވެގެންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާގައި ބޮޑު އަގެއް ހުށަހެޅުމުގެ ބަދަލުގައި ސިޓީން ބާސާއަށް ހުށަހެޅުމަށް ނިންމާފައިވަނީ 15 މިލިޔަން ޕައުންޑެވެ. އަދި ޖެނުއަރީ މަހު ބާސާއިން އެ ބިޑް ގަބޫލުނުކޮށްފި ނަމަ ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ސިޓީއާ ގުޅޭނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މެސީގެ އުމުރުން ވީހާ ދުވަހެއް ހޭދަކުރީ ބާސެލޯނާގައެވެ. އެ ކުލަބުގައި އޭނާވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބާސާއަށް މިހާތަނަށް އޭނާ ވަނީ 634 ގޯލު ޖަހައިދީފައެވެ. މިއީ ބާސާގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔުާއެވެ. މީގެއިތުރުން އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 6 ފަހަރު ހޯދާފައެވެ. އަދި ސްޕެނިޝް ލީގު 10 ފަހަރު އޭނާ ވަނީ ހޯދާފައެވެ.