މިހާރު އެކުލަވާލާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން އަންނަ ގޮތާއިމެދު ކުޅުންތެރިން އިހްތިރާމް ކުރަންޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާޓޭޓާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ދާދިފަހުން އާސެނަލުން މިފަހަރު ޕްރިމިއަރ ލީގަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑަށް ކުރީގެ ރެއާލް މެޑްރިޑުގެ ތަރި އޮޒިލް ނުހިމެނުމުން އެކަމަށް ދިން ރައްދެއްގައެވެ.

މީގެކުރިން އާސެނަލުން އެކުލަވާލި ޔުރޮޕާ ލީގު ސްކޮޑުގައިވެސް އޮޒިލް ހިމަނާފައި ނުވެއެވެ. އަންގާރަ ދުވަހު މެންދުރުފަހުގެ ކުރިން ޕްރިމިއަރ ލީގަށް ހުށައަޅަންޖެހޭ ކުޅުންތެރިންގެ ލިސްޓުގައި އޮޒިލް ހިމަނާފައި ނުވުމުން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އޭނާއަށް އެ ކުލަބުގައި ނުކުޅެވޭނެއެވެ.

އާސެނަލުން މިހާރު ހަފްތާއަކު 350،000 ޕައުންޑު އޮޒިލްއަށް މުސާރައިގެ ގޮތުގައި ދޭއިރު އޭނާއަކީ އެ ޓީމުން އެންމެ ގިނައިން މުސާރަ ދޭ ކުޅުންތެރިޔާ އެވެ. 2013 ވަނަ އަހަރުގައި ރެއާލް މެޑްރިޑު ދޫކޮށް އޮޒިލް އާސެނަލާއި ގުޅުނުއިރު ،ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަނީ އެންމެ ފަހު މެޗު މިހާރު އެ ޓީމަށް ކުޅެދީފައެވެ.

އާސެނަލްގެ ކޯޗު އާޓެޓާ މިފަހަރު އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި އެ ޓީމުގެ ސީނިއާ ދެ ކުޅުންތެރިން ހިމަނާފައި ނުވެއެވެ. އޮޒިލްގެ އިތުރަށް ދެން އެ ޓީމުން ފުރުސަތު ދީފައި ނުވަނީ ޑިފެންޑަރު ސޯކްރެޓިސް އަށެވެ. އާސެނަލުން މި ނިންމުން ނިންމީ މިދިޔަ ހަފްތާގައި މި ދެ ކުޅުންތެރިން ޔުރޮޕާ ލީގު ސްކޮޑުންވެސް ބާކީކުރުމުންނެވެ.

އޮޒިލް އެންމެފަހުން އާސެނަލަށް ކުޅެދީފައިވަނީ މިދިޔަ ސީޒަނުގެ މާޗް މަހު ކޮވިޑް-19 ގެ މެދުކެނޑުމުގެ ކުރިން ވެސްޓްހޭމް އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައެވެ. މި ސީޒަނުގެ މިހާތަނަށް އޮޒިލްއަށް އާސެނަލުން ފުރުސަތު ދީފައިނުވާއިރު ކޯޗު އާޓޭޓާ ބުނީ އޭނާގެ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި މިހާރުގެ ޤަވާއިދުތަށް ހުރިގޮތުން ކުޅުންތެރިން މި ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށެވެ.

"އަހަރެން އެ ކުޅުންތެރިން ޓީމަށް ނުނެގީ ކީއްވެކަން ބުނެދިނިން، މި ދަނޑިވަޅުގައި ގަވައިދުތަކާއި އެއްގޮތަށް އަމަލުކޮށް އެންމެ ރަނގަޅު ކުޅުންތެރިން ޓީމުގައި ހިމަނާފައިވާނީ ، އެ ކުޅުންތެރިން މި ނިންމުމަށް އިހްތިރާމްކޮށް އިތުރަށް ފަރިތަކޮށް ޓީމަށް އެހީތެރިވުމަށް މަަސައްކަތް ކުރަންޖެހޭނެ " އާޓޭޓާ ބުންޏެވެ.