ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ރޭ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރޭންކްފާޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާން ކާމިޔާބުކޮށްފި އެވެ.

ބަޔާނުން މޮޅުވި މި މެޗުގައި އެ ޓީމުގެ ތަރި ލެވަންޑޮސްކީ ވަނީ ހެޓްރިކް ހަދައި ރެކޯޑް ގާއިމްކޮށްފައެވެ. މި މެޗުގައި ލެވަންޑޮސްކީ ކާމިޔާބުކުރި ތިން ލަނޑާއިއެކު އޭނާ ވެގެންގޮސްފައިވަނީ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު ފުރަތަމަ ފަސްމެޗުން 10 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ލެވަންޑޮސްކީ މި މެޗުގައި ރެކޯޑު ހެދިނަމަވެސް އެ ޓީމުގެ ޑިފެންޑަރު އެލޮފޮންސޯ ޑޭވިސްއަށް ވަނީ އަނިޔާވެފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ފުންނާބަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުރިއަށް އޮތް އަށް ހަފްތާގައި އޭނާއަށް ނުކުޅެވޭނެކަމަށް ރިޕޯޓުތަކުންވަނީ ހާމަކޮށްފައެވެ.

ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބުކުރި މި މެޗުގެ 10 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ކިމިޗްގެ އެހީއާއެކު ލެވަންޑޮސްކީ ކާމިޔާބުކުރިއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ 60 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ހެޓްރިކް ހަދައި ރެކޯޑުހަދާފައެވެ. ބަޔާނުން ލީޑު ފުޅާކުރީ 72 ވަނަ މިނެޓުގައި ސާނޭ ކާމިޔާބުކުރި ލަނޑާއެކުގައެވެ. މެޗުގެ ފަހު ލަނޑަކީ ފަހުމިނެޓުގައި ޖަމާލް މުސިއާލާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން މޮޅުވެ ބަޔާން މިހާރު ލީގު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ބާރަ ޕޮއިންޓު ހޯދައިގެންނެވެ. ޖަރުމަނު ލީގު ތާވަލުގެ އެއްވަނާގައި މިހާރު ލިޕްޒިގް އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ފަސްމެޗުން 13 ޕޮއިންެޓެވެ.