ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ހަމައެކަނި ގޯލާއެކު މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އަތުން މޮޅުވެ ތާވަލުގެ ހަތަރުވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ.

މި މޮޅާއެކު އަމިއްލަ ދަނޑުގައި އާސެނަލް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. އެގޮތުން ލީގުގައި މިހާތަނަށް އާސެނަލްގެ ދަނޑުގައި ކުޅުނު ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއަހަރު އަމިއްލަ ދަނޑުގައި އާސެނަލް މިހާތަނަށް 11 މެޗުން ބަލިނުވެ ދެމެހެއްޓި ރެކޯޑަށްވެސް ވަނީ ނިމުމެއް އައިސްފައެވެ.

މެޗުގައި ވާޑީ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. އެއީ މި މެޗު އެއްކޮށް ކުޅެން އޭނާ އަދި ފިޓު ނުވާތީއެވެ. ވާޑީ މި ގޯލު ޖަހާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. އޭނާ މި ގޯލު ޖަހާފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައި ކުޅެން އެރި ސެންގިޒް ތަނަވަސްކޮށްދިން ބޯޅައަކުން ބޮލުން ޖަހައެވެ.

މި މެޗުގައ އާސެނަލަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިިބުނެވެ. އެގޮތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އާސެނަލުން ފުރަތަމަ ހާފުގައި ލަކަޒެޓް އާއި އޮބަމަޔަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްގެ ބްރެޒިލް ޑިފެންޑަރ ޑޭވިޑް ލުއިސް ވަނީ އަނިޔާވެގެން ދަނޑުން ބާލާފައެވެ. އެއާއެކު އާސެނަލްގެ ފަހަތަށް ބާރުބޮޑުވެގެން ދިޔަތަން ފެނުނެވެ.

މިއީ މި ސީޒަނުގައި ލެސްޓާ ހޯދި ހަތަރުވަނަ މޮޅެވެ. މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި 12 ޕޮއިންޓާއެކު އެ ޓީމު އޮތްއިރު މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ ދިހަވަނައިގައި 9 ޕޮއިންޓާއެކުގައެވެ.