ހޮނިހިރު ދުވަހުރޭ ބާސެލޯނާ އާއި އަލަވޭސް ބައްދަލުކުރި މެޗު އެއްވަރުވުމުން ބާސެލޯނާގެ ފްރާންސް ފޯވާޑް އެންޓޮނީ ގްރީޒްމަން ރުޅިގަދަވެއްޖެއެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް އަލަވޭސް ދެވަނަ ހާފުގެ ގިނަ ވަގުތު ކުޅުނުއިރު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުންނެނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އަހަރުމެން މިތިބީ ރުޅިއައިސްފައި ކަމަށެވެ.

" އަހަރުމެން މިތިބީ ރުޅިއައިސްފައި ، މިމެޗުގައި އަހަރުމެން ތިން ޕޮއިންޓު ބޭނުންވި" ގްރީޒްމަން ބުންޏެވެ.

" އަހަރުމެން ލަނޑު ޖެހުމުގައި އެބަ ނާކާމިޔާބުވޭ، ފުރަތަމަ ބައިވަރު ފުރުސަތުތަކެއް ލިބި އަހަރުމެނަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެއް، ޓީމު އެއްކޮށް ރަނގަޅު ކުރަންޖެހޭ އަދި ލަނޑު ޖަހަން އެބަޖެހޭ، އަހަރެންވެސް އަމިއްލައަށް ރަނގަޅުކުރަން އެބަ މަސައްކަތް ކުރަން"

މި މެޗުގައި އަލަވޭސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ބާސާގެ ކީޕަރު ނެޓޯއަށް ހެދުނު ގޯހަކުން ލުއިސް ރިއޮޖާ އޭގެ ފައިދާ ނަގައި ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ގްރިޒްމަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިމެޗުގައި އަލަވޭސްގެ ގޯލު ކީޕަރު ޕެޗީކޯ ވަނީ ހަތް ހަމަލާ ދިފާއުކޮށް މި ސީޒަނުގައި މިހާނަތަނަށް ބާސެލޯނާ އާއި ދެކޮޅަށް އެންމެ ގިނަ ސޭވް ކޮށްފައެވެ. މި މެޗުގެ ނަތީޖާ އާއެކު ބާސެލޯނާ މިހާރު އޮތީ ތާވަލުގެ 12 ވަނާގައި އަށް ޕޮއިންޓާ އެކުގައެވެ. މިއީ ތާވަލުގެ އެއްވަނާގައި އޮތް ވާދަވެރި ރެއަލް މެޑްރިޑާއި 8 ޕޮއިންޓްގެ ފަރަގެކެވެ.