ފީފާ ކުލަބް ވޯލްޑް ކަޕުގެ ފައިނަލުގައި މެކްސިކޯގެ ޓިގްރެސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުގެ ބަޔާން މިއުނިކް ހޯދައިފިއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ ބަޔާން މިއުނިކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 1-0 އިން ޓިގްރެސް ބަލިކޮށްގެންނެވެ. ޓިގްރެސް އަކީ މެކްސިކޯގެ ޓީމެކެވެ. މިއީ ކުލަބް ވޯލްޑް ކަޕެއްގެ ފައިނަލުގައި މެކްސިކޯގެ ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި އުތުރު އެމެރިކާ ބައްރުން މި މުބާރާތުގެ ފައިނަލުގައި ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ.

މިއީ ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ބަޔާން މިއުނިކް އުފުލާލި ހަ ވަނަ ޓްރޮފީއެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ބަޔާން ވަނީ ޔުއެފާ ސުޕަ ކަޕް އަދި ޖަރުމަނު ލީގާއި ޖަރުމަނު ކަޕުވެސް އެ ޓީމު ކާމިޔާބުކުރިއެވެ. މި ރެކޯޑުގައި ދެން އޮތް ޓީމަކީ 2009 ގެ ބާސެލޯނާ ޓީމެވެ.

މި މެޗުގައި ޓިގްރެސް އާއި ހިލާފަށް ބަޔާން މިއުނިކަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގައި ބަޔާން މިއުނިކްގެ ހަަމައެކަނި ލަނޑު ފެނިގެންދިޔައީ 59 ވަނަ މިނެޓުގައެވެ. ރޮބާޓް ލެވަންޑޯސްކީ ގެ އެހީއާއެކު މި ލަނޑު ކާމިިޔާބުކޮށްދިނީ ބެންޖަމިން ޕަވާޑްއެވެ. މިއީ ލަނޑެއް ކަމަށް ނިންމީ ވީއޭއާރު ބެލުމަށްފަހުއެވެ. އެއީ ލެވަންޑޯސްކީ އޮފްސައިޑު މަގާމެއްގައި ހުރިކަމަށް ބަލައިގެންނެވެ. ނަމަވެސް ވީއޭއާރުން ބެލި ބެލުމުން ލެވަންޑޮސްކީ އަށް ބޯޅަ ލިބުނީ ޓިިގްރެސް ކުޅުންތެރިއެއް ފައިގައި ބޯޅަ ޖެހިފައެވެ.

މިއީ ކުލަބް ވޯލްޑްކަޕުގެ ތަށި ބަޔާން މިއުނިކް އުފުލާލި ދެވަނަ ފަހަރެވެ. މީގެކުރިން އެ ޓީމު ޗެމްޕިއަންކަން ހޯދީ 2013 ވަނަ އަހަރުގައެވެ. ބަޔާން މިއުނިކްގެ ކޯޗުކަމާއި ހަންސީ ފްލިކް ހަވާލުވީ 2019 ގައެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ބަޔާން މިއުނިކް މިހާތަނަށް ކުޅުނު 68 މެޗުގެ ތެރެއިން 58 މެޗުން ވަނީ މޮޅުވެފައެވެ. މެޗުތަކުގެ ރޭޓުން ބަލާނަމަ އެއީ ކޮންމެ 11.3 މެޗަކުން ޓްރޮފީއެކެވެ.