މިއަހަރު ބޭއްްވުމަށް ހަމަޖެހިފައިވާ ޓޯކިއޯ އޮލިމްޕިކްސް ބެލުމަށް އެހެން ޤައުމުތަކުގެ ސަޕޯޓަރުން ޖަޕާނަށް އެތެރެވުމުގެ ހުއްދަދެވެން ނެތްކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ބާއްވަން ނިންމި ޓޯކިއޯ އޮލިމްޕިކްސް މުބާރާތް މި އަހަރަށް ފަސްކުރުމަށް ނިންމާފައިވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އެވެ.

މިއަހަރު ގޭމްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 8 ގެ ނިޔަލަށެވެ. ޕެރައޮލިމްޕިކްސް ބޭއްވުމަށް މިހާރު ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ޖަޕާނުގެ ކަމާބެހޭ ފަރާާތްތަކުން މިގޮތަށް ނިންމީ އެތުލީޓުންނާއި ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު ކަމަށް ބުނެފައިވެއެވެ. ސަޕޯޓަރުން ޖަޕާނަށް އެތެރެވާން ހުއްދަދިނުމަކީ މި ދަނޑިވަޅުގައި އެންމެ އެދެވޭ ކަމެއް ނޫން ކަމަށް އެގައުމުގެ ސަރުކާރުން އޮލިމްޕިކްސްގެ އިންތިޒާމު ކޮމިޓީއަށް އަންގާފައިވެއެވެ. އެއާއެކު އެ ފުރުސަތު އެއްކޮށް ބަންދުކުރުމަށް އިންތިޒާމު ކޮމިޓީން ނިންމިއެވެ.

މީގެ ކުރިން ޓިކެޓް ގަނެފައިވާ މީހުންނަށް ރިފަންޑް ދިނުމަށްވެސް އިންތިޒާމު ކޮމިޓީން މިހާރު ނިންމާފައިވާއިރު ބުކިން ހަދާފައިވާ ފަރާތްތަކުގެ ޓިކެޓުތައްވެސް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިއީ އޮލިމްޕިކްސްގެ ތާރީހުގައި ގޭމްސްއެއް ފަސްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބާއްވަން ނިންމި ގޭމްސް މިއަހަރަށް ފަސްކުރި ނަމަވެސް މިއަހަރުގެ ގޭމްސްއަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "ޓޯކިއޯ އޮލިމްޕިކްސް 2020" އެވެ. މިދިޔަ އަހަރު އޮލިމްޕިކްސް ކެންސަލްކުރުމާ އެކު ގިނަ ގައުމުތަކުގެ އެތްލީޓުންނަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ. އެއީ އެ ގޭމްސްއަށް ތައްޔާރުވާން ގިނަ އެތްލީޓުންކެއް ދުރާލާ މަސައްކަތްކޮށްފައިވުމާ އެކު، އެ ފުރުސަތު ބަންދުވީމައެވެ.

ނަމަވެސް އެ އެތްލީޓުން މިހާރު ތިބީ މިއަހަރުގެ ގޭމްސްއަށް ފުރިހަމައަށް ތައްޔާރުވުމުގެ އަޒުމުގައެވެ. ގިނަ އެތްލީޓުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.