ގަތަރުގައި 2022 ވަނަ އަަހަރު ބާއްވާ ފީފާ ވޯލްޑްކަޕުގައި ކުޅެން ބޭނުންވާކަމަށާއި އެއީ ދެކޭ ބޮޑު ހުވަފެނެއްކަމަށް ދާދިފަހުން ސްވިޑަންގެ ގައުމީ ޓީމަށް ނެގި ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ފޯވާޑް ވަނީ ދިގު މުއްދަތަކަށްފަހު އަނެއްކާވެސް ސްވިޑަންގެ ޤައުމީ ސްކޮޑުގަައި ހިމަނާފައެވެ. އިބްރަހިމޮވިޗް އެންމެފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބެލްޖިއަމްއާއި ދެކޮޅަށެވެ. އިބްރަހިމޮވިޗް އާއެކު ސްވިޑަން ކުޅޭ ފުރަތަމަ މެޗަކީ އަަންނަ ބުރާސްފަތި ދުވަހު ޖޯޖިޔާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އުފަން ޤައުމަށް ކުޅެން ބޭނުންވާކަމަށް ބުނެ މީގެކުރިންވެސް އެތަކެއް ފަހަރު މަތިން އިބްރަހިމޮވިޗް ވާހަކަދައްކާފައިވެއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ގައުމީ ޓީމު ތަމްސީލުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާއަށް ރޮވުނެވެ. މި ޕްރެސްގައި އިބްރަހިމޮވިޗް ބުނީ ދިގު މުއްދަތެއް ވަންދެން ގައުމީ ޓީމަށް ކުޅުމަށް ބޭނުންވާކަމަށެވެ.

އިބްރަހިމޮވިޗް ބުނީ ވެދިޔަތަން ހަނދާން ނައްތާލަންޖެހޭ ކަމަށާއި ކުރިޔަށްއޮތް ތަނުގައި ސްވިޑަންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. އުމުރުން ކިތަންމެ ދުވަސްވިޔަސް އަދިވެސް އެ ހިތްވަރު އެބަހުރިކަމަށް އިބްރަަހިމޮވިޗް ބުންޏެވެ.

ސްވިޑަންއާއެކު އިބްރަހިމޮވިޗް ވަނީ 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެފައެވެ. ނަމަވެސް މިއިން އެއްވެސް މުބާރާތެއްގައި އޭނާއަށް ގައުމީ ޓީމަށް ލަނޑެއްް ކާމިޔާބު ނުުކުރެވެއެވެ. އެހެންކަމުން އިބްރަހިމޮވިޗްގެ އަމާޒަކީ ކުރިޔަށްއޮތް ވޯލްޑްކަޕުގައި ގައުމީ ޓީމަށް ލަނޑު ޖެހުމެވެ.

"ގައުމީ ޓީމަށް ކުޅުމަކީ ބޮޑު ޝަރަފެއް، އެއީ ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންހިފަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު، އަބަދުވެސް ހިތުގަ އޮވޭ ގައުމަށް ހިދުމަތްކުރަން، ނުކުޅެ ހުރި ދުވަސްތަކުގަވެސް އަބަދުވެސް ހިތަށްއަރާ އަދިވެސް ކޮންމެވެސް އެއް ދުވަހަކުން ފުރުސަތު ހޯދާނަމޭ ގައުމީ ޓީމަށް ކުޅެން" އިބްރަހިމޮވިޗް ބުންޏެވެ.

މިވަގުތު އިޓަލީގެ އޭސީ މިލާނަށް މޮޅު ކުޅުމެއް ކުޅެމުން އަންނަ އިބްރަހިމޮވިޗް ވަނީ ސްވިޑަން ގައުމީ ޓީމަށް 116 މެޗު ކުޅެދީ 62 ލަނޑު ޖަހައިދީފައެވެ. ސްވިޑަންގެ ކެޕްޓަން ބޭންޑު އަޅައިގެން އިބްރަހިމޮވިޗް ފުރަތަމަ ކުޅުނީ 2001 ވަނަ އަހަރު ފެރޯ އައިލޭންޑްސް އާއި ދެކޮޅަަށް ކުޅުނު މެޗެވެ.