އާޖެންޓީނާއަށް އުފަން ލިއޮނަލް މެސީ ފުރަތަމަ ފަހަރަށް ފުޓުބޯޅަ ކުޅެން ނެރެދިން އެކަކަކީ ސަލްވަޑޯ އަޕަރިކިއޯއެވެ. މެސީގެ ކެރިއަރު އުމުރުން އެންމެ ހަ އަހަރުގައި ނެވެލް އޯލްޑް ބޯއިސް އިން ފެށި ނަމަވެސް އޭގެކުރިން އުމުރުން ހަތަރު އަހަރުގައި މެސީ ގްރަންޑޯލީ ކިޔާ ކުޑަ ޓީމަކަށް ކުޅެދިން ވާހަކަ މާގިނަ ބަޔަކަށް ނޭނގެއެވެ.

އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރީ ސަލްވަޑޯއެވެ. މެސީގެ ފުޓުބޯޅަ ހުނަރު އޭނާ އަށް ފެނުނީ އެއްވެސް މީހަކު ހީކުރި ގޮތަކަށް ނޫނެވެ. އެއީ ސަލްވަޑޯ ޓީމު މެޗެއް ކުޅުނު ދުވަަހެކެވެ. މެސީ އާއި އޭނާގެ އާއިލާ ތިބީ އެތަނުގައި ކުޅި ބަލަަން ތިބި މީހުންގެ ގޮތުގައެވެ. އެއީ އޭރު އެ ޓީމުގައި މެސީގެ ބޭބެ ކުޅޭތީ އެތަން ބެލުމަށެވެ.

އެ ދުވަހު މެޗު ކުުޅެން ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް މެޗު ލަސްކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުވުމުންނެވެ. ފުރަތަމަ މަޑުކުރީ ކުޅުންތެރިއެއް އަންނަން ދެނެވެ. ނަމަވެސް ކުޅުންތެރިއަކު ދައްކާނުލުމުން ދެން ކޯޗުގެ ވިސްނުމަށް އައީ މެސީ ބޭނުންކުރުމަށެވެ. އެ ހިނދު މެސީގެ މަންމަގެ ކިބައިން ކޯޗު އެދުނީ އެ މެޗުގައި މެސީ ކުޅެން ހުއްދައަކަށެވެ. ޖަަވާާބުގައި މެސީގެ މަންމަ އެންމެ ފުރަތަމަ ދިން ޖަވާބަކީ ދުވަހަކުވެސް އަދި މެސީ ފުޓުބޯޅަ ނުކުޅޭ ކަމަށެވެ.

"އޭނައަށް ނުކުޅެވޭނޭ ފުރަތަމަވެސް ކީ، އެއީ ދުވަހަކުވެސް މެސީ ކުރިކަމެއް ނޫނޭ، އެވަގުތު އަހަރެން ބުނިން އެއީ މައްސަލައެއް ނޫނޭ، އެއްވެސް ހާއްސަ ކަމެއް މި މެޗުގައި ކުރާކަށް ނުޖެހޭނޭ، މެސީގެ މަންމައާއެކު އެތަނުުގަ އޭނަގެ މާމަވެސް ހުރި، މެސީ ދަނޑަށް އަރަން އެންމެ ފުރަތަމަ ހިތްވަރު ދިނީ މެސީ މާމަ، މެސީ ދަނޑަށް އެރުވީ މާމަ ދިން ހިތްވަރާއެކު ހުއްދަ ދީގެން" މެސީ ކުޅެން އަރުވަން ކުރި މަސައްކަތް ހިއްސާކުރަމުން ކޯޗު ބުންޏެވެ.

https://twitter.com/TotalLM10i/status/1377999849572941827

މެސީއަށް އެންމެ ފުރަތަމަ ބޯޅަ ލިބުނުއިރު ހުރީ ހުއްޓުން އަރާފައެވެ. ނަމަވެސް އިރުކޮޅަކު އެހެން ހުރުމަށްފަހު ރީތިކޮށް ބޯޅަ ޓީމުގެ އެހެން ކުޅުންތެރިއަކަށް ފަސޭހަކަމާއެކު ދިނެވެ. އޭގެފަހުން މެސީއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އާދަޔާ ހިލާފު ކަންކަން ކޯޗަށް ފެންނަން ފެށިއެވެ. މެސީގެ ވައަތު ފައިގައި އެ ބޯޅަ ޖެހުނު ވަގުތު ދެން ފެނުނީ ކޯޗުގެ ކެރިއަރުގައި ދުވަހަކުވެސް ނުފެންނަ އާދަޔާ ހިލާފު ކަމެކެވެ.

"މުޅި ދަނޑުގަ ބޯޅަ ހިފައިން އެނބުރުނީ، އޭނަ އަތެއް ނުވޭ އެއްވެސް ކުޅުންތެރިއަކަށް، މެސީއަށް ހުރަސްއަޅާ ކޮންމެ ކުޅުންތެރިއެއް ކައިރިން ފަސޭހަކަމާއެކު ދެމިގަނެލާ،" މެސީއާއެކު އޭނާގެ ކޯޗުގެ ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

އެއަށްފަހު މެސީ ބާސެލޯނާއަށް ސޮއިކޮށް އެ ކުލަބުގައި މޮޅު ކުޅުމެއް ކުޅޭ ތަން ފެންނަ ކޮންމެ ފަހަރަކު އުފަލުން ރޮވޭކަން ސަލްވަޑޯ ފާހަގަކުރިއެވެ.

"އަހަންނަށް އޭނަ ފެންނަ ކޮންމެ ފަހަރަކު ހަނދާން ވަނީ އެންމެ ފުރަތަމަ އޭނަ ކުޅެން އެރުވި ދުވަސް، ވަރަށް އުފާވޭ، ފެންކަޅިވޭ، ވަރަށް ތަފާތު އިހުސާސެއް ގެނުވާ އޭނަ ފެންނަ ކޮންމެ ފަހަރަކު"

ސަލްވަޑޯ އެންމެ ބޮޑަށް ފާހަގަކުރީ މެސީ ގައުމީ ޓީމަށް ކުޅެން ފެށި ހަބަރު އިވުމާއި، ގެޓަފޭ އާއި ދެކޮޅަށް މެސީ ޖެހި ގޯލާއި މަރަޑޯނާ ވޯލްޑްކަޕުގައި އިންގްލޭންޑު ކޮޅަށް ޖެހި ގޯލާއި އެއްގޮތް ކަމެއް ހުރިކަމަށް ބުނެ ދެކެވުނު ވާހަކަތަކެވެ. މި ވާހަކަތައް އަޑުއިވޭ ކޮންމެ ފަހަރަކު ސަލްވަޑޯއަށް އުފަލުން ރޮވޭކަމަށް އޭނާ ބުނެފައިވެއެވެ

މިި ހަނދާންތައް ސަލްވަޑޯ ހިއްސާކުރި ނަމަވެސް މިހާރު އޭނާ ދުނިޔޭގައި ނެތެވެ. ސަލްވަޑޯ މަރުވެފައިވަނީ 2008 ވަނަ އަހަރުގައެވެ. އޭނާ ދުނިޔެއާއި ވަކިވެގެންދިޔައީ މެސީގެ އެންމެ "ޕީކު" ދުވަސްވަރު ލޮލަށް ނުފެނިއެވެ. ނަމަވެސް ތާރީހުން ސަލްވަޑޯއަށް އެ ޖާގަ ލިބޭނެއެވެ. އޭނާ ވެގެންދިޔައީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީ ދަނޑަށް ނެރެދިން ފުރަތަމަ ކޯޗުގެ ގޮތުގައެވެ.