އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ބަލިކޮށް ލިވަޕޫލުން ތާވަލުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އާކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ ޖެހިޖެހިގެން ރަށުންބޭރުގައި ލިވަޕޫލް މޮޅުވި ތިންވަނަ ފަހަރެެވެ. މި މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ ކުޅުނު 30 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ.

އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

މި މެޗުގައި ލިވަޕޫލްގެ ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޯގޯ ޖޯޓާ އެވެ.

ދެވަނަ ހާފުގައި ކުޅެން އެރިތާ ތިން މިނެޓުފަހުން ޖޯޓާ އޭނާެ ފުރަތަމަ ލަނޑު ޖަހާފަައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް އާނޮލްޑް ހުރަސްކޮށްލި ބޯޅަ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން މުހައްމަދު ސަލާާހް ވަނީ ލިވަޕޫލަށް ލީޑު ފުޅާާކޮށްދީފައެވެ.

މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖޯޓާ ކާމިޔާބުކޮށްފައިވަނީ 82 ވަނަ މިނެޓުގައެވެ. މިއީ ސަޑިއޯ މާނޭ ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ލިވަޕޫލާއި އެންމެ ކައިރިން ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ދެ ޕޮއިންޓާ ކުޑަވެފައެވެ. ލިވަޕޫލް ގަދަ ހަތަރަކަށް އަރަން ބޭނުންނަމަ ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރެން ޖެހެއެވެ. ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 74 ޕޮއިންޓާާއެކު އެވެ.