މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

ކުރިން އޭނާގެ އެއްބަސްވުން ހަމަވާގޮތަށް އޮތީ 2023 ގެ ނިޔަލަށެވެ. ނަމަވެސް އަލަށް ސޮއިކުރި އެއްބަސްވުމާއެކު 2025 ގެ ނިޔަލަށް އޭނާ މެންޗެސްޓަރ ސިޓީގައި މަޑުކުރާނެ އެވެ.

އުމުރުން މިހާރު 29 އަހަރު ވެފައިވާ ކުޅުންތެރިޔާ ވަނީ ސިޓީގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެއްބަސްވުން އާކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ސިޓީގެ ޖާޒީގައި އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ޑި ބްރޭނާ ބުނެފައިވެއެވެ. އެގޮތުން ސިޓީގައި އަދި އެ ކާމިޔާބީތައް ކުރިޔަށް އޮތީ ކަމަށްވެސް ޑި ބްރޭނާ ބުންޏެވެ.

އިނގިރޭސި ކުލަބް ވުލްފްސްބާގް އިން ސިޓީއާ އޭނާ ގުޅުނީ 2015 ވަނަ އަހަރުގައެވެ. އޭނާ ސިޓީއާ ގުޅުނު އަގަކީ 55 މިިއަން ޕައުންޑެވެ. މިހާތަނަށް އޭނާ ސިޓީގައި ހޭދަކުރި މުއްދަތުގައި ޖުމްލަ 225 މެޗު މިހާތަނަށް ކުޅެފައިވެއެވެ. މި މެޗުތަކުން އޭނާ ވަނީ 65 ލަނޑު ޖަހާފައެވެ. ގޯލުތަކުގެ އިތުރުން ސިޓީގެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައިވެސް ޑި ބްރޭނާ ހިމެނެއެވެ. އޭނާ ވަނީ ސިޓީއާއެކު ލީގު ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހޯދާފައެވެ.

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޑި ބްރޭނާ ވަނީ މީގެކުރިން ހޯދާފައެވެ.

ޑި ބްރޭނާ މި އެއްބަސްވުން އާކުރީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ސިޓީ މޮޅުވި މެޗު ނިމުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.