ޕާކިސްތާނުގެ ފުޓުބޯޅަ ފެޑެރޭޝަނަށް ނުފޫޒު ފޯރުވަން އުޅުނު މައްސަލައިގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އަނެއްކާވެސް އެ ގައުމު ސަސްޕެންޑުކޮށްފިއެވެ.

ފީފާއިން ވަނީ 2017 ވަނަ އަހަރުވެސް ޕާކިސްތާން ސަސްޕެންޑުކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން ފީފާއިން ލުއިތަކެއް ދިނީ ނޯމަލައިޒިން ކޮމިޓީއަކާއެކު ކޮމިޓީގެ ޗެއާމަނުކަން އެ ގައުމުގެ ކުރީގެ ކުޅުންތެރިޔާ ހަމްޒާ ޚާންއާ ހަވާލުކުރުމަށްފަހު އެވެ. ފީފާއިން އޭނާއަށް އެ ޒިންމާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހު އިންތިހާބު ބާއްވާގޮތަށެވެ.

އިންތިހާބު ބާއްވަން ފީފާއިން އެންގި މުއްދަތު ފަހުން ވަނީ މިދިޔަ ޑިސެމްބަރު 31 އަށް އިތުރުކޮށްދީފައެވެ. ނަމަވެސް އެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭގޮތެއް ނުވުމުން އޭނާ މަގާމުން އިސްތިއުފާދިނެވެ.

އޭގެފަހުން ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސީ މާލިކް ހާރޫން އެވެ. އޭނާގެ ޗެއާމަންކަމުގެ ދަށުން މިމަހު އަނެއްކާވެސް އިންތިހާބު ބާއްވަން މަސައްކަތްކުރި ނަމަވެެސް އެކަން އެގޮތަށް ނުވެއެވެ. މިފަހަރު މައްސަލައަކަށް ކުރިމަތިވީ ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަނުގެ ކޮންޓްރޯލް ނަގަން އެ އިދާރާގެ ކުރީގެ ރައީސް ސައީދު އަޝްފާގް ހުސެއިން ޝާހް ނަގަން މަސައްކަތްކުރުމުންނެވެ.

ނޯމަލައިޒިން ކޮމިޓީން މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ސައީދު އަޝްފާގުގެ ޓީމުން ވަނީ މި ހުރިހާ ކަމަކަށް ދެކޮޅުހަދައި، އެ އިދާރާ އޭނާގެ ބެލުމުގެ ދަށަށް ގެނައުމަށް ގޮވާލާފައެވެ. އަދި އެންގީ ނޯމަލައިޒިން ކޮމެޓީ އެ އެސޯސިއޭޝަނުން ބޭރުވުމަށެވެ. އެއާއެކު ފީފާއިން ނިންމީ އެ އިދާރާ އަނެއްކާވެސް ސަސްޕެންޑުކުރާށެވެ.

ފީފާގެ ބަޔާނުގައިވާ ގޮތުން ދެން އަނެއްކާވެސް ޕާކިސްތާން ފެޑެރޭޝަނަށް ފުރުސަތު ލިބޭނީ ނުފޫޒުން އެއްކިބާވެ، ކަންކަން ކުރިޔަށްގެންދާނެ ފަހި މާހައުލެއް ގާއިމުކުރެވުމުން ކަމަށެވެ. މީގެކުރިންވެސް ސިޔާސީ ނުފޫޒު ފޯރުވި މައްސަލައިގައި ޕާކިސްތާން ވަނީ ސަސްޕެންޑުކޮށްފައެވެ.