ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗަށްފަހު ޑޯޓްމަންޑްގެ ތަރި އާލިން ހާލަންޑްގެ އޮޓޯގްރާފް ހޯދުމަށް ރެފްރީއަކު އުޅުމުން އެއީ ބޮޑު ކަމެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ވާހަކަދެކެވުނެވެ.

އެއްބަޔަކު ބުނާގޮތުގައި މިއީ ވަކި ކޮޅަކަށް ނުޖެހި ތިބެންޖެހޭ ރެފްރީންގެ ފަރާތުން ބަަލަައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ ރެފްރީންގެ ޕްރޮފެޝަނަލިޒަމް އާއި ހިލާފު ކަމެއް ކަމުގައި ބުނެއެވެ. އަނެއްބައި މީހުން ގަބޫލުކުރާ ގޮތުގައި މިއީ އަންނަން އޮތް ޖީލުގެ ފުޓުބޯޅަ ތަރިކަމަށް ގިނަބަޔަކު ބުނަމުން އަންނަ ކުޅުންތެރިޔާގެ މަގުބޫލުކަން ބޮޑުވުމުގެ ހެއްކެއް ކަމަށެވެ. އެއީ މީގެކުރިން މެސީއާ ރޮނާލްޑީނިއޯ އަދި ބެކަމް ފަދަ ކުޅުންތެރިންގެ އޮޓޯގްރާފް ހޯދުމަށް ރެފްރީން މީގެކުރިން މަަސައްކަތްކޮށްފައި ވާތީއެވެ.

ނަމަވެސް މިފަހަރު ރޫމޭނިއާގެ އެސިސްޓަންޓް ރެފްރީ ސޮވާ އެ އޮޓޯގްރާފް ހޯދުމަށް އެ މަސައްކަތްކުރީ ވަރަށް މާތް މަގުސަދެއްގައެވެ. މީގެކުރިންވެސް މިފަދަ އެތަކެއް އެތްލީޓުންގެ އޮޓޯގްރާފް އޭނާ ހޯދާފައިވެއެވެ.

ރޫމޭނިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ އޮޓޯގްރާފް ހޯދީ އެ ގައުމުގެ އޯޓިޒަމް ކުދިންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރާ ޗެރިޓީއެއްގެ އެދުމުގެ މަތިންނެވެ.

އޮޓޯގްރާފް ނެގި މައްސަލަ ހޫނުވެ ބައެއް ބޮޑެތި ކުޅުންތެރިންނާއި ކުލަބުތަކުގެ ވެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް މި މެޗުގައި އެއްކޮޅުން ވާދަކުރި ސިޓީގެ ކޯޗު މިކަން މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެއެވެ.

"ވެދާނެ އެއީ އޭނަގެ ދަރިފުޅަށް ނޫނީ އާއިލާގެ މީހަކަށް ނެގި އެއްޗެއް ކަމަށްވެސް، ހަމަގައިމު މެޗުތެރެއިން އެއްވެސް ނުރަނގަޅު ކަމެއް ނުހިނގާ، ވަރަށް އިންސާފަށް ނިންމުންތައް ހުރީ، އެހެންވީމަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް އެކަމުގަ" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.