ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާ އާއި އިނގިރޭސި ކުލަބް އާސެނަލް އެއްވަރުވިއިރު ސްޕެއިންގެ ގްރަނާޑާ އަތުން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކުން ލަނޑެއް ޖަހާފައިނުވެއެވެ. ދެ ޓީމުން ޖެހި ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. ސްލާވިއާ ޕްރާހާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.

ގްރަނާޑާގެ އަތުން ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. މާކަސް ރަޝްފޯޑް މި ލަނޑު ޖެހީ ވިކްޓަ ލިންޑެލޯފް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

ނަމަވެސް ދެވަނަ ލެގާއި ކުރިމަތިލާއިރު ޔުނައިޓެޑަށް އިތުރު އުނދަގޫތަކާއި ކުރިމަތިވާނެ އެވެ. އެއީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ދެވަނަ ލެގަށް ސަސްޕެންޑް ވާތީއެވެ .މީގެތެރޭގައި ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އާއި ފެންޑަރު ލޫކް ޝޯ އަދި މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ހިމެނެއެވެ.

ކުއާޓާފައިނަލުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރޯމާ އިން ވަނީ އަޔެކްސް 2-1 އިން ބަލިކޮށްފައެވެ. ވިޔަރެއާލް މޮޅުވީ ޑީނަމޯ ޒެގްރެބް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ޔުރޮޕާ ލީގުގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.