އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ފަސޭހަކަމާއެކު އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ޝެފީލްޑް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ފުރަތަމަ ލަނޑު ޖަހާފއިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްޒެންޑަ ލަކަޒޭޓެވެ.

ފުރަތަމަ ހާފު އެއް ގޯލުގެ ލީޑަކާއެކު އާސެނަލް ނިންމާލިއިރު އެ ޓީމުން ލީޑު ފުޅާކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 85 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އެލެކްސެންޑާ ލަކަޒޭޓް އެވެ.

ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ

 

މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު މޮޅުވީ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ ޓޮޓެންހަމް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑް ހޯދި މި މޮޅާއެކު މިއީ ރަށުބޭރުގައި އެ ޓީމު ބަލިނުވެ ނިންމާލި 23 ވަނަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޑިންސަން ކަވާނީ މެޗުގެ 33 ވަނަ މިނެޓުގައި ލަނޑެއް ޖެހިނަމަވެސް ވީއޭއާރުގެ އެހީގައި އެއީ ލަނޑެއް ކަމަށް ބަލާފައެއް ނުވެއެވެ. ޓޮޓެންހަމް އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮން ހިއުންގް މިން އެވެ.

މި ލީޑުގައި އޮވެ ފުރަތަމަ ހާފު ޓޮޓެންހަމް ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ޖެހީ ފްރެޑް އެވެ. ޔުނައިޓެޑުން ލީޑުނެގި ލަނޑު 79 ވަނަ މިނެޓުގައި މޭސަން ގްރީންވުޑްގެ އެހީއާއެކު ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ. އިތުރުވަގުތުގައި ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖެހީ މޭސަން ގްރީންވުޑް އެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 31 މެޗުން ިބުނު 63 ޕޮއިންޓާއެކު އެވެ. އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 31 މެޗުން 45 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 32 މެޗުން 74 ޕޮއިންޓެވެ.