އެމެރިކާގެ މަޝްހޫރު ފޯބްސް މަޖައްލާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މުއްސަނދި ފުޓުބޯޅަ ކުލަބަކަށް ސްޕެއިންގެ ބާސެލޯނާ ވެއްޖެއެވެ.

މި މަޤާމު ބާސެލޯނާއަށް ލިިބިފައިވަނީ މިދިޔަ އަހަރުގެ ރިޕޯޓުތައް ބެލުމަށްފަހު ކަމަށް ފޯބްސް މަޖައްލާއިން މައުލޫމާތުދެއެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ ކުލަބުގެ ޖުމްލަ އާމްދަނީ 4.76 ބިލިއަން ޑޮލަރާއެކު އެވެ.

މި ބޮޑު އާމްދަނީ އަކީ މިދިޔަ ދެ އަހަރާއި އަޅާބަލާއިރު ބާސެލޯނާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފޯބްސް އިން ހާމަކުރާ ގޮތުގައި މިއީ މިދިޔަ ދެ އަހަރާއި އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުލަބުގެ ދަރަނިވެސް ވަނީ ވަރަށް ބޮޑުތަން ކުޑަކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާގެ ދަރަނި މިދިޔަ އަހަރެއްހާ ދުވަހު ބިލިއަނަކަށް އެރިއެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 792 މިލިއަން ޑޮލަރަށް ތިރިވެފައެވެ.

ފޯބްސްގެ މި ލިސްޓުގެ އެއްވަނައިގައި މީގެކުރިން އޮތީ ރެއާލް މެޑްރިޑެވެ. ނަމަވެސް އެ ކުލަބު ވަނީ ދެވަނައަށް ސޮއްސާލާފައެވެ. އެ ކުލަބު ދެވަނައިގައި އޮތީ ޖުމްލަ އާމްދަނީ 4.75 ބިލިއަން ޑޮލަރާއެކު އެވެ. ތިންވަނައިގައި އޮތީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ކުލަބު ތިންވަނައިގައި އޮތީ ޖުމްލަ އާމްދަނީ 4.22 ބިލިއަން ޑޮލަރާއެކު އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތައް މިފަހަރުވެސް އޮތީ ފަހަތުގައެވެ. އެގޮތުން ގަދަ 10 ކުލަބުގެ ތެރެއިންވެސް އެންމެ ކައިރީގައި އުޅެނީ ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 4.2 ބިލިއަން ޑޮލަރާއެކު އެވެ.

ފަސްވަނައިގައި 4.1 ބިލިޔަން ޑޮލަރާއެކު ލިވަޕޫލް އޮތްއިރު ވަރުގަދަ މެންޗެސްޓަރ ސިޓީ އޮތީ 4 ބިލިއަން ޑޮލަރާއެކު ހަވަނައިގައެވެ. ހަތްވަނައިގައި އޮތް ޗެލްސީގެ އަގު 3.2 ބިލިޔަން ޑޮލަރުގައި އުޅޭއިރު، އަށްވަނައިގައި އޮތް އާސެނަލުގެ އަގު އުޅެނީ 2.8 ބިލިޔަން ޑޮލަރުގައެވެ.

މި ލިސްޓުގެ ގަަދަ 10 ޓީމުގެ ތެރޭގައި އިޓާލިއަން ލީގުގެ ޓީމެއް މިފަހަރު ނުހިމެނެއެވެ. އެ ޓީމު އޮތީ 11 ވަނައިގައެވެ.