ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ޕޯޓޯ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޗެލްސީ ހޯދައިފިއެވެ.

ދެވަނަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕޯޓޯ އެވެ. ނަމަވެސް ސެމީފައިނަލުގެ ޖާގަ ޗެލްސީއަށް ލިބެނީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިިޔާބުކުރުމުންނެވެ. އެހެންކަމުން ޗެލްސީ ސެމީއަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓުންނެވެ.

ފުރަތަމަ ލެގާއި ހިލާފަށް މި ލެގުގައި ޕޯޓޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އަދި ފުރަތަމަ ލެގުގައި ފެނިގެންދިޔަ ގިނަ ޑިފެންސިވް މައްސަލަތައް ހައްލުކޮށްފައިވެއެވެ.

މެޗުގައި ޕޯޓޯގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. ނާނޫ ތަނަވަސްކޮށްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ކުޅެމުން އަންނަ އީރާނުގެ ފޯވާޑް ތަރޭމީ އެވެ. އޭނާ މި ލަނޑު ޖެހީ އޯވަހެޑް ކިކަކުންނެވެ.

މި ނަތީޖާއާއެކު ސެމީގެ ޖާގައެއް ޗެލްސީ ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ލިވަޕޫލް ނުވަތަ ރެއާލް މެޑްރިޑާއެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑެވެ.