ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި އިނގިރޭސި ކުލަބް ލިވަޕޫލް ކަޓުވާލައި ސްޕެއިންގެ ރެއާލް މެޑްރިޑް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް ރެއާލް ދަތުރުކުރީ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން ފުރަތަމަ ލެގުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ރެއާލް ސެމީން ޖާގަ ހޯދީވެސް މި އެގްރިގޭޓް ނަތީޖާއިންނެވެ.

ދެވަނަ ލެގު ކާމިޔާބުކުރަން ލިވަޕޫލަށް މި މެޗުގައި ފައިދާ ދެ ލަނޑު ޖަހަން ޖެހެއެވެ. ނަމަވެސް ރެއާލުން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ. ލިވަޕޫލުން އުފައްދަން މަސައްކަތްކުރި ގިނަ ހަމަލާތައް ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ކުރީކޮޅު ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ\ ދިފާއުކޮށްފައެވެ. މީގެއިތުރުން ޖޭމްސް މިލްނާ އާއި ވައިނަލްޑަމް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗުގައި ލިވަޕޫލުން މަސައްކަތްކުރީ ކުރީކޮޅުގައި ލަނޑެއް ޖެހުމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ރެއާލަށް މި މެޗުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެންޒެމާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކުޅުންތެރިއެއް ގައިގަ ޖެހިފަ އަމާޒުވީ ދަނޑިއަށެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީފައިނަލުގައި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހޭނީ ރޯމާ ބަލިކޮށް ސެމީން ޖާގަ ހޯދި ޗެލްސީއާއެވެ. ޗެލްސީން ސެމީގެ ޖާގަ ހޯދީ ޕޯޓޯއާއި ވާދަކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ