ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެނީ ދަނޑުގެ ވަށައިގެން ޖަހާފައިވާ ރަތްކުލައިގެ ސީޓުތަކުގެ ސަބަބުން ކަމަށްވުމަކީއެކަށީގެންވާ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމަށް ލިބުނީ 27 ޕޮއިންޓެވެ. މީގެތެރޭގައި އަމިއްލަ ދަނޑުގައި ހަތަރު ފަހަރު ބަލިވެފައިވާއިރު ތިން މެޗުން ވަނީ އެއްވަރުވެފައެވެ. ތާވަލުގެ ދެވަނައިގައި ޔުނައިޓެޑް އޮތީ 63 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ސިޓީ އޮތީ 74 ޕޮއިންޓާއެކުއެވެ.

ޔުއެފާ ޔުރޮޕާ ލީގުގައި ގްރަނާޑާ އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސޯލްޝެއާ ބުނީ މެޗުގެ ކުރިން އެ ރަތް ސީޓުތަކުގެ އެތުރުމަށް ބަދަލުތަކެއް ގެނައުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކުރިން ފެންނަ ރަތް ބެނާތައް ނެގުމުން ތަފާތު ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ކުޅުންތެރިން އެބަތިބި ޝަކުވާކޮށްފައި މި މައްސަލައިގައި، ގިނަ ފަހަރަށް އެ ރަތްކުލަ ލޮލުގަ އަޅައިގަތުމުން ކުޅުންތެރިންގެ ކޮންސަންޓްރެޝަން ގެއްލިފަ އެބަހުރި، އެހެންކަމުން މިހާރު އެ ބަދަލުކޮށްފިން ކުލަބުގެ އިސްވެރިންނާ މަޝްވަރާކޮށްގެން" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ގަބޫލުކުރާ ގޮތުގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭއިރު އަމިއްލަ ދަނޑުގެ ވަށައިގެން ހުރި ރަތް ސީޓުތަކާއި ބެނާތައް ބަދަލުކުރުމަކީ ކުލަބަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. މިހާރު ގިނަ ސީޓުތައް ވަނީ ކަޅާއި ހުދަށް ބަދަލުކޮށްފައެވެ. އެއީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ސޯލްޝެއާ ބުންޏެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު