ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފި އެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުންވެސް އެ ޓީމު މޮޅުވީ ހަމަ މި ނަތީޖާއިންނެވެ. އެހެންކަމުން ސިޓީ ސެމީފައިނަލަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ދެވަނަ ލެގުގައި ފުރަތަމަ ލަނޑު ޖެހީ ޑޯޓްމަންޑް އެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ޖޫޑް ބެލިންހަމް އެވެ. ފުރަތަމަ ހާފު ނިމުނީ ޑޯޓްމަންޑް ލީގުގައި އޮވެގެންނެވެ. މެޗުން ސިޓީ އެއްވަރުކުރީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. އޭރިއާ ތެރެއިން ޑޯޓްމަންޑްގެ އެމްރޭ ޗޭން އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ސިޓީއަށް ޖަހައިދިނީ ރިޔާދު މާރޭޒް އެވެ.

ސިޓީ މޮޅުކޮށްދިން ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު ފިލް ފޯޑެން އެވެ. މިއީ ބަނާޑޯ ސިލްވާ ތަނަވަސްކުރި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގެ ސެމީފައިނަލަށް ސިޓީ ދަތުރުކޮށްފައިވާއިރު، ސެމީގައި އެ ޓީމު ބައްދަލުކުރާނީ ޕީއެސްޖީއާއެވެ. މުބާރާތުގެ ސެމީއަށް ޕީއެސްޖީ ދަތުރުކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު އެވެ.