އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.

މުބާރާތުގެ ތަށި ބާސާއިން އުފުލާލީ އެތްލެޓިކް ބިލްބާއޯ 4-0 އިން ބަލިކޮށްގެންނެވެ. މިއީ ބާސާގެ ތާރީހުގައި މި ތަށި އުފުލާލި 31 ވަނަ ފަހަރެވެ. އަދި މިއީ އެތަށް ގޮތަކުން ބާސާއަށް މުހިއްމު ތައްޓެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކުން ލަނޑެއް ކާމިޔާބެއް ނުކުރެއެވެ. ބާސާގެ ހަތަރު ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ބާސާގެ ހަތަރު ލަނޑު ޖަހާފައިވަނީ 12 މިނެޓުގެ ތެރޭގައި ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން ބާސާގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަނެވެ. މި ލަނޑު ޖެހިތާ އޭގެ ތިން މިނެޓު ފަހުން ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން ޑި ޔޮން ބާސާއަށް ލީޑު ފުޅާކޮށްދިނެވެ. ބާސާއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނެލް މެސީއެވެ.

މިއީ ކޫމަންގެ ކޯޗުކަމުގެ ދަށުން ބާސާއިން ހޯދި ފުރަތަމަ ތައްޓެވެ. އަދި މި ސީޒަން ނިމުމަށްފަހު ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭ މެސީއަށް ވެސް މިއީ މުހިއްމު ތައްޓެކެވެ. މިއީ މި ތަށި މެސީ އުފުލާލި 7 ވަނަ ފަހަރެވެ.