ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ނިސްބަތްވާ މަހުޖަނުން އެކުވެގެން ޔޫރަޕިއަން ސުޕަ ލީގެއްގެ ނަމުގައި މުބާރާތެއް ބާއްވަން އިއުލާނުކުރުމާއި އެކު ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާއިން އެކަން އެގޮތަށް ނުކުރެވޭނެކަމަށް ބުނެ އިންޒާރުދީފި އެވެ

އަލަށް ބާއްވަން މަސައްކަތްކުރާ މި މުބާރާތުގައި ޔޫރަޕުގެ ފުޓުބޯޅައިގެ ގަދަ ތިން ލީގު ހިންގާ ގައުމުތައް ކަމަށްވާ އިންގްލޭންޑް އާއި ސްޕެއިންގެ އިތުރުން އިޓަލީގެ ކުލަބުތަކާއެކު ޖުމްލަ 12 ކުލަބެއް ބައިވެރިވެއެވެ.

ސުޕަ ލީގު ބާއްވަން އެއްބަސްވި ކުލަބުތައް

1- މެންޗެސްޓަރ ޔުނައިޓެޑް (އިންގްލޭންޑް)

2- ޗެލްސީ (އިންގްލޭންޑް)

3- ލިވަޕޫލް (އިންގްލޭންޑް)

4- މެންޗެސްޓަރ ސިޓީ (އިންގްލޭންޑް)

5- އާސެނަލް ( އިންގްލޭންޑް)

6- ޓޮޓެންހަމް ( އިންގްލޭންޑް)

7- ރެއާލް މެޑްރިޑް (ސްޕެއިން)

8- ބާސެލޯނާ ( ސްޕެއިން)

9- އެތްލެޓިކޯ މެޑްރިޑް (ސްޕެއިން)

10- އިންޓަ މިލާން (އިޓަލީ)

11- އޭސީ މިލާން (އިޓަލީ)

12- ޔުވެންޓަސް (އިޓަލީ)

ގިނަ ބައެއްގެ އިންޒާރުތައް ލިބުނު ނަމަވެސް މި މުބާރާތް ބާއްވަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިކަމާއި ގުޅިގެން ޔޫރަޕުގެ އެހެން ގައުމުތަކުގެ ފުޓުބޯޅަ އިދާރާތަކާއި ބައެއް ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. މި މުބާރާތް ބާއްވަން އިއުލާނުކުރުމާއި އެކު ޔުއެފާގެ ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ.

ޔުއެފާއިން ނެރުނު އިންޒާރުގެ ބަޔާނުގައި ވަނީ މި ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި އެ ކުލަބުތަކުގައި ކުޅޭ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފީފާ އާއި ޔުއެފާއިން ރާވާ ހިންގާ އެކި މުބާރާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑުކުރާނެ ކަމަށެވެ. އަދި މި މުބާރާތް ބަލައިނުގަންނާނެ ކަމަށެވެ. ޔުއެފާއިން މި ނޫސްބަޔާން ނެރުމާއެކު ޔޫރަޕުގެ ގިނަ ގައުމުތަކުން ވަނީ މި ނިންމުމަށް ތާއީދުކޮށް ވާހަކަދައްކާފަައެވެ.

ސުޕަ ލީގުގެ އިސްވެރިން ބޭނުންވަނީ މި މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ޔުއެފާ އާއި ފީފާއާއެކު މަޝްވަރާކުރުމަށެވެ. މި މުބާރާތުގެ ކަންކަން ފޯރީގައި އަވަސް އަރުވާލައިގެން އުޅެނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ.

ކުއްލިއަކަށް ސުޕަ ލީގެއް، މަހުޖަނުންގެ މަކަރުވެރި ރޭވުމެއް

ކުއްލިގޮތަކަށް މިފަދަ މުބާރާތެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި މީޑިއާތަކުން ބުނާގޮތުން މި މުބާރާތް ބޭއްވުމުގެ ހިޔާލު އާއި ބޮޑެތި ކުލަބުތަކުގެ އާމްދަނީ ދަށްވާތީއެވެ. ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުން އެކަނި އެކަށީގެންވާ މިންވަރުގެ އާމްދަނީއެއް ނުލިބޭތީއެވެ.

ކޮވިޑުގެ ދަށް ހާލަތާއި ގުޅިގެން ބޮޑެތި ހުރިހާ ކުލަބަކަށް އޭގެ ލޮޅުން އެރިއެވެ. ކުލަބުތަކުގެ މާލީ ހާލަތު ދަށްވިއެވެ. ދަނޑަށް ސަޕޯޓަރުން ނުވައްދާތީ އެ ފައިސާވެސް ނުލިބެއެވެ. އެހެންކަމުން ބެލެވޭގޮތުގައި މިއީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ކުލަބުތަކުގެ އިސްވެރިން ނިންމި ނިންމުމެކެވެ.

މި މުބާރާތް ބާއްވައިފިނަމަ އެއީ ފުޓުބޯޅައަށް ލިބޭނެ ފޫނުބެދޭ މިންވަރުގެ ގެއްލުމެކެވެ. އަދި މިއީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ފޯރި ކެނޑި، ޔޫރަޕުގެ އެހެން ގައުމުތަކުގެ ފުޓުބޯޅަ އެއްކޮށް މަރާލުން ކަހަަލަ ކަމެއް ކަމަށް ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. .

ސުޕަ ލީގުގެ ބައެއް އިސްވެރިން

  • ސުޕަ ލީގުގެ ޗެއާމަން - ފްލޮރެންޓީނޯ ޕެރޭޒް (ރެއާލް މެޑްރިޑްގެ ރައީސް)

  • ސުޕަ ލީގު ވައިސް ޗެއާމަން - ޖޯން ހެންރީ ( ލިވަޕޫލްގެ ރައީސް)

  • ސުޕަ ލީގު ވައިސް ޗެއާމަން - ޖޯލް ގްލޭޒާ ( މެންޗެސްޓަރ ޔުނައިޓެޑްގެ ރައީސް)
  • ސުޕަ ލީގު ބޯޑު މެމްބަރ - ސްޓޭން ކްރޮއެންކާ ( އާސެނަލްގެ ރައީސް)
  • ސުޕަ ލީގު ބޯޑު މެމްބަރ - އަންދްރެއާ އަގްނޭލީ ( ޔުވެންޓަސްގެ ރައީސް)

މީގެއިތުރުން މި ބޯޑުގައި ގިނަ އަދަދެއްގެ މުއްސަނދި މަހުޖަނުން ހިމެނެއެވެ. މެޖޯރިޓީ ހިއްސާއާއެކު މި ލީގު ފަށަން މަސައްކަތްކުރަނީ ހަ ބިލިއަނުގެ އިންވެސްޓްމަންޓް އަކުންނެވެ.. މި ފައިސާ ހަމަޖެއްސީ އެެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިންނެވެ. މި ފައިސާ އެ ކުލަބުތަކަށް ހަމަހަމައަށް ބެހުމަށް ނިންމާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.