މެންޗެސްޓަރ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއަރމަން ކަމުން އެޑް ވުޑްވާޑް އިސްތިއުފާ ދީފިއެވެ.

އޭނާ އިސްތިއުފާ ދީފައި މިވަނީ ޔޫރަޕިއަން ސުޕަރ ލީގު އާއި ގުޅިގެން ކްލަބް ތަކުގެ މެދުގައި ހޫނު ބަހުސެއް ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ.

މި ލީގުގައި ބައިވެރިވުމަށް މެންޗެސްޓަރ ޔުނައިޓެޑުން ވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ އެންމެ ބޮޑު 12 ކްލަބްތަކުންނެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ޗެލްސީ، ލިވަޕޫލް، ޓޮޓެންހަމް، އާސެނަލް، ރިއަލް މެޑްރިޑް، އެތްލެޓިކޯ މެޑްރިޑް، ބާސެލޯނާ، ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަރ މިލާން ހިމެނެއެވެ.

މި ކްލަބްތަކުގެ ތެރެއިން ޗެލްސީ އާއި މެންޗެސްޓަރ ސިޓީން ވަނީ ވަކިވާން ނިންމާފައެވެ. އަދި އެހެން ކްލަބް ތަކުން ވެސް މިހާރު އަންނަނީ އެކަމާއި މަޝްވަރާ ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސުޕަ ލީގުގައި ބައިވެރިވާން ނިންމި އެހެން ކުލަބުތަކުން ވެސް ދަނީ އެ ލީގުން ބޭރުވުމަށް މަސައްކަތްކުރަމުންނެވެ.

ސުޕަ ލީގުގައި ޔުނައިޓެޑް ބައިވެރިވާން ނިންމުމާއެކު އެ ކުލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވުޑްވާޑްގެ އިސްތިއުފާއަށް ގޮވާލާފައެވެ.