އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އާއި ދެކޮޅަށް ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ފެށުމުގެ ކުރިން އެ ކުލަބުގެ ސަޕޯޓަރުން ދަނޑު ބޭރުގައި އިހުތިޖާޖުކޮށްފިއެވެ.

މި އިހުތިޖާޖު ކުރިޔަށްދިޔަ ވަގުތު ޗެލްސީން ނެރުނު ނޫސްބަޔާނެއްގައި އެ ކުލަބުން ވަނީ ސުޕަ ލީގުގައި ބައިވެރިނުވާން ނިންމިކަން އިއުލާނުކޮށްފައެވެ. އެއާއެކު ދެން ފެނިގެންދިޔައީ ސަޕޯޓަރުން ކުރި އިހުތިޖާޖު އުފާފާޅުކުރުމަކަށް ބަދަލުވެގެންދިޔަ ތަނެވެ.

ޗެލްސީގެ ސަޕޯޓަރުން މި އިހުތިޖާޖުގައި ހަރުއަޑުން ގޮވަމުން ދިޔައީ މިފަދަ ނިންމުމެއް ނުނިންމުމަށެވެ. އަދި މިއީ ސަޕޯޓަރުންނަށް ވާ ހިޔާނާތެއް ކަމަށާއި އެ ލީގުގައި ކުޅެފިނަމަ ކުލަބަށް އޮތް ލޯބި ވަޅުޖެހިގެންދާނެ ކަމަށެވެ.

ސުޕަ ލީގުގައި ވާދަކުރާ އިނގިރޭސި ހަ ކުލަބުގެ ތެރެއިން މިހާތަނަށް ދެ ކުލަބެއް ވަނީ މުބާރާތުން ބޭރުވެފައެވެ. އެއީ ޗެލްސީގެ އިތުރުން މެންޗެސްޓަރ ސިޓީއެވެ. މި އިހުތިޖާޖުގައި ސަޕޯޓަރުން އެންމެ ބޮޑަށް ގޮވާލި އެއް ކަމަކީ ޗެލްސީގެ ވެރިޔާ އަދި މަހުޖަނު ރޯމަން އަބްރޮމޮވިޗްގެ ނިންމުން ބަދަލުކުރުމަށާއި ފައިސާގެ ދަހިވެތިކަމުގައި ކުލަބު ހަލާކުކޮށް ނުލުމަށެވެ.

ޗެލްސީ ސަޕޯޓަރުން އިހުތިޖާޖުކުރަނީ

"މިއީ އެއްވެސް ހާލެއްގައި ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ވިސްނާފަ ނިންމި ނިންމުމެއް ނޫން، އެ ނިންމުން އަވަހަށް ބަދަލުކުރޭ، އެހެންނޫނީ މިތަނަކުން ނުދާނަން" އިހުތިޖާޖު ފެށުމުގެ ކުރިން ޗެލްސީގެ ސަޕޯޓަރަކު އިނގިރޭސި މީޑިއާއާއި ވާހަކަދައްކަމުން ބުންޏެވެ.

މި އިހުތިޖާޖުގެ އިތުރުން އާސެނަލް އާއި ސިޓީ އަދި ލިވަޕޫލްގެ ސަޕޯޓަރުންވެސް އިހުތިޖާޖުތަކެއް ކުރަމުންދާ ކަމަށް ބައެއް މީޑީއާ ރިޕޯޓުތައް ބުނެއެވެ. އަދި އެ ކުލަބުތަކުގެ ރަސްމީ ދަނޑުގެ ބޭރުގައި ބައެއް ޕޯސްޓަރުތަކާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ލިޔުންތަކެއް ހުރިތަން ފެންނަ ފޮޓޯތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

މި އިހުތިޖާޖުގެ ތެރެއިން ޗެލްސީގެ ލެޖެންޑް ގޯލްކީޕަރު ޕީޓާ ޗެކް ވަނީ ވަކި ހިސާބަކުން ބައިވެރިވެ ޗެލްސީ ސަޕޯޓަރުން ހަމަޖެއްސުމަށް މަސައްކަތްކޮށްފައެވެ.