މަހުޖަނުން އިސްވެގެން އުފައްދަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމި އިނގިރޭސި ބޮޑު ހަ ކުލަބު މުބާރާތް ބޮއިކޮޓުކޮށްފި އެވެ.

މި މުބާރާތުގައި ބައިވެރިވާން ނިންމި ހަ ކުލަބަކީ ޗެލްސީ، އާސެނަލް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ޓޮޓެންހަމް އަދި ލިވަޕޫލެވެ.

މި ހަ ކުލަބުންވެސް މުބާރާތް ބޮއިކޮޓުކުރި އިރު، ރޭ ޗެލްސީ ސަޕޯޓަރުން ވަނީ އެ ކުލަބުގެ ރަސްމީ ސްޓޭޑިއަމް ސަރަހައްދުގައި ސުޕަ ލީގާއި ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ދުނިޔޭގެ މުއްސަނދި މަހުޖަނުންތަކެއް އެކުވެގެން އުފައްދަން މަސައްކަތްކުރި ސުޕަ ލީގަކީ ބޮޑެތި ކުލަބުތަކުގެ މާލީ ހާލަތު ދަށްވާތީ އެކަމާއި ގުޅިގެން ބާއްވަން މަސައްކަތްކުރި މުބާރާތެކެވެ.

މި މުބާރާތް ބާއްވަން އިއުލާނުކުރުމާއި އެކު ޔުއެފާ އިން ވަނީ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. އެގޮތުން އެ ކުލަބުތަކާއި އެކަމުގައި ބައިވެރިވާ އެންމެން ސަސްޕެންޑުކުރާނެކަމަށް ޔުއެފާއިން ދިން އިންޒާރުގައި ވެއެވެ.

ސުޕަ ލީގުން ވަކިވިކަން ހާމަކޮށް ޕްރިމިއަރ ލީގުގެ ކުލަބުތަކުން ބުނީ ފުޓުބޯޅައިގެ ރޫހާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެ ކުލަބުތަކުން އަބަދުވެސް ތިބޭނީ ކުލަބުގެ ސަޕޯޓަރުންނާއި އެކު ކަމަށެވެ.

އަދި ސުޕަ ލީގަކީ ފައިސާގެ ދަހިވެތިކަމުގައި އުފައްދަން މަސައްކަތްކުރާ ލީގެއްގެ ގޮތުގައި ބައެއް ކުލަބުތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވާން ނިންމީ އެކަމަށް އެހާވަރަށް ނުވިސްނާ ކަމަށްވެސް ބުނެފައިވެއެވެ.