އިނގިރޭސި ކުލަބުތަކާއި ނުލާ ޔޫރަޕިއަން ސުޕަ ލީގު ދެން ކުރިޔަށް ނުގެންދާނެ ކަމަށް ލީގު ފެށުމުގެ ތައްޔާރީތަކުގައި އެންމެ ބޮޑަށް ހަރަކާތްތެރިވި ޔުވެންޓަސްގެ ޗެއާމަން އަންޑްރޭ އަގްނެލީ ވިދާޅުވެއްޖެ އެވެ.

ސުޕަ ލީގުގައި ވާދަކުރާނެ ކަމަށް އިއުލާނުކުރި އިނގިރޭސި ހަ ކުލަބު ކަމަށްވާ އާސެނަލް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް، އަދި ޓޮޓެންހަމް ވަނީ ސަޕޯޓަރުންގެ ޕްރެޝަރުތަކާއި ގުޅިގެން މި މުބާރާތް ބާއްވަން އިއުލާނުކުރިތާ 48 ގަޑިއިރުގެ ތެރޭގައި މުބާރާތުން ވަކިވެފައެވެ.

ބާކީ މިހާރު ތިބި ޓީމުތަކަކީ ސްޕެއިންގެ ތިން ޓީމާއ އިޓަލީގެ ތިން ޓީމެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ޓީމުތައްވެސް ވަނީ ސުޕަ ލީގުގައި ބައިވެރިނުވަން ނިންމާފައެވެ. ނަމަވެސް ރަސްމީގޮތެއްގައި އަދި މިހާތަނަށް އެ ވާހަކަތަކެއް މީޑިއާގައި ނުދައްކައެވެ.

ރޮއިޓާސް އާއި ވާހަކަދައްކަވަމުން ސުޕަ ލީގު ބޭއްވުމުގައި އިސް ރޯލެއް ސުޕަ ލީގުގެ ވައިސް ޗެއާމަން އަގްނެލީ ވަނީ އެ މަސައްކަތް ދިފާއުކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނީ ސުޕަ ލީގުގެ މަގުސަދަކީ ގޯސް މަގުސަދެއްގައި ބާއްވަން ނިންމި މުބާރާތެއް ނޫން ކަމަށާއި ކުލަބުތަކުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް ފަށަން ނިންމި މުބާރާތެއް ކަމަށެވެ.

"މި ޕްރޮޖެކްޓް (ސުޕަ ލީގު) މިހާރު ގޮސްފަ އޮތް ހިސާބު ހިއްސާކުރާކަށް ނެތިން، އެކަމަކު ޔަގީނުންވެސް ބުނަން އޮތް ވާހަކައަކީ އިނގިރޭސި ޓީމުތަކާ ނުލާ މިކަން ނުވާނެކަން، މި މުބާރާތް ބާއްވައިފިނަމަ އެއީ ދުނިޔޭގެ ފުޓުބޯޅައަށްވެސް ފައިދާ ކުރާނެ ކަމެއް، ކަންކަން ދާ ގޮތުން މިހާރު ހިތެއް ނުބުނޭ މި ޕްރޮޖެކްޓް ކުރިޔަށް ގެންދެވޭނެ ހެން" އަގްނެލީ ވިދާޅުވިއެވެ.

މި މުބާރާތް އިއުލާނުކުރުމާއި އެކު ޔުއެފާ އިން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާނެކަން އިއުލާނުކޮށްފައެވެ. އެގޮތުން ފީފާ އަދި ޔުއެފާ ރާވާ ހިންގާ އެއްވެސް މުބާރާތެއްގަައި ސުޕަ ލީގު ކުޅޭ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމާއި، ވޯލްޑްކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ގައުމު ތަމްސީލުނުވާނެ ކަމަށް އަންގާފައެވެ.