މަހުޖަނުން އެކުވެގެން ބާއްވަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގުގައި މިހާރު ދެމި ތިބި ހަމައެކަނި ކުލަބުތަކަކީ ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސް އެވެ.

މި ލީގު ފުރަތަމަ އިއުލާނުކުރި އިރު ޖުމްލަ 12 ކުލަބެއް ހިމެނެއެވެ. އެއީ އިނގިރޭސި ހަ ކުލަބާއި އިޓަލީގެ ތިން ކުލަބު އަދި ސްޕެއިންގެ ތިން ކުލަބެވެ. މި ކުލަބުތަކުގެ ތެރެއިން އިނގިރޭސި ހަ ކުލަބު ވަނީ މުބާރާތުން ވަކިވެފައެވެ.

އެއާއި ވިދިގެން މިއަދު އެންމެފަހުން ވަކިވި ކުލަބުތަކަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ އޭސީ މިލާނާއި އިންޓަމިލާނެވެ.

ގިނަ ކުލަބުތަކެއް ވަކިވިއިރު މީޑިއާތަކާއި ވާހަކަދައްކަމުން ޔުވެންޓަސްގެ ޗެއާމަން އަދި ސުޕަ ލީގުގެ ކަންކަމުގައި އެންމެ އިސް ރޯލެއް އަދާކުރާ އަަންދްރޭ އަގްނެލީ ވިދާޅުވީ ޕްރިމިއަރ ލީގުގެ ކުލަބުތައް ވަކިވުމުން މި ލީގު ބޭއްވުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. ގިނަ ކުލަބުތަކެއް ވަކިވި ނަމަވެސް އަގްނެލީ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ އަދިވެސް ސުޕަ ލީގުގެ ވާހަކަތައް ދިފާއުކުރެއެވެ.

ސުޕަ ލީގުން ވަކިވިކަން ހާމަކަޮށް އެތްލެޓިކޯ މެޑްރިޑުން މީގެ އިރުކޮޅެއް ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފުޓުބޯޅަ ސަޕޯޓަރުން މާޔޫސްކުރަން ބޭނުންނުވާ ކަމަށާއި ކުޅިވަރުގެ ހަމަތަކާއި އުސޫލުތަކަށް ކުލަބު އަބަދުވެސް ތަބާވާނެ ކަމަށެވެ. އިންޓަމިލާނާއި އޭސީ މިލާނުގެ ބަޔާނުގައި ވެސް މި ވާހަކަ ވަނީ ތަކުރާރުކޮށްފައެވެ.