ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގަައި ކުޅުނު މެޗު ސްޕެއިންގެ ވިޔަރެއާލް އާއި އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ

ވިޔަރެއާލް ފުރަތަމަ ލެގު ކާމިޔާބުކޮށްފައި ވަނީ އާސެނަލް އާއި ވަދަކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ފުރަތަމަ ލެގު ކާމިޔާބުކުރީ އިޓަލީގެ ރޯމާގެ މައްޗަށް 6-2 ގެ ބޮޑު ތަފާތަކުންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމުން ބޮޑު ތަފާތަކުން ރޯމާ ބަލިކުރި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް ވަނީ ފަސް ލަނޑު ޖަހާފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީވެސް ޔުނައިޓެޑެވެ. އެ ލަނޑު 9 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. އޭފެދަހުން ރޯމާ ދެ ލަނޑު ޖަހާ ލީޑު ނެގިއެވެ. އެއީ ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ ޖެހި ލަނޑާއި އެޑިން ޒެކޯ ޖެހި ލަނޑެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ އެޑިންސަން ކަވާނީ އެވެ. އޭގެފަހުން 64 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީވެސް ކަވާނީ އެވެ. އޭގެފަހުން ލިބުނު ޕެނަންޓީއަކުން 71 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޕޮގްބާ އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހިއިރު 86 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަވަނަ ލަނޑު ޖެހީ މޭސަން ގްރީންވުޑް އެވެ.

އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ވިޔަރެއާލް އިން އުފާފާޅުކުރަނީ

ޕޯޗުގަލްގެ އާތާ ސޯރެސް ސްޓޭޑިއަމްގައި ވިޔަރެއާލް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ވިޔަރެއާލް ވަނީ ދެ ލަނޑުގެ ލީޑެއް ނަގާ އާސެނަލް ސިއްސުވާލާފައެވެ. އެގޮތުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ފަށައިގެން 5 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޓްރިގެރޯސް އެވެ. ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރައުލް އަލްބިއޯލް އެވެ.

މި މެޗުގައި އާސެނަލްގެ ޑެނީ ސެބާޔޯސް އަަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު އެއް ކުޅުންތެރިއެއް މަދުން ކުޅުނު ނަމަވެސް ހިތްވަރު އެލުވައެއްނުލަ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ އެވެ.

މި ދެ ޓީމު ކުޅޭ ދެވަނަ ލެގު އޮންނާނީ މެއި 7 ވާ ހުކުރުދުވަހު އެވެ.