މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިި ފުޓުބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ މަރުވުމުގެ ކުރިން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.

މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރަޑޯނާ މަރުވުމުގެ ކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުން ބޮޑު އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އޭނާ މަރުވީ މި އޮޕަރޭޝަން ކުރިތާ ދެ ހަފުތާ ފަހުންނެވެ.

މަރަޑޯނާގެ މަރު ތަހުގީގުކުރުމަށް އެކުލަވާލި 20 ތަޖުރިބާކާރުންގެ ޕެނަލުން ނެރުނު ބަޔާނުގައި ބުނީ މަރަޑޯނާއަށް ފަރުވާދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ފަރުވާ ކުޑަވެގެން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރަނގަޅަށް ފަރުވާ ދެވިއްޖެ ނަމަ މަރަޑޯނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ޕެނަލުގައި މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރ އުމުރުން 39 އަހަރުގެ ލިއޮޕޮލްޑޯ ހިމެނުނުއިރު މަރަޑޯނާގެ ހާއްސަ ނަފްސާނީ ޑޮކްޓަރު ވެސް މި ޓީމުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޕެނަލް އެކުލަވާލީ މަރަޑޯނާގެ އާއިލާއިން މައްސަލަ ޖެއްސުމުންނެވެ.

މަރަޑޯނާގެ ކާމިޔާބު ކެރިއަރަށް ހިޔަނި އެޅުނީ ޑްރަގްގެ ވަބާގައި ޖެހިގެންނެވެ. ނަމަވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން ވަރަށް ބޮޑަށް އެކަން ރަނގަޅުވި ނަމަވެސް އޭނާގެ އަހުލާގަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވެއެވެ. އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއި ގަތަރުގެ ޓީމުތަކާއި އާޖެންޓީނާގެ ޓީމުތަކަށް އޭނާ ކޯޗުކަން ކޮށްދީފައިވާއިރު އޭނާއަށް ކޯޗިން ކެރިއަރުގައި ތައްޓެއް ހޯދިފައިނުވެއެވެ.\

1986 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މޮޅު ކުޅުމެއް ދެއްކި މަރަޑޯނާ އަކީ އޭނާގެ ޖީލުގައި އުފެދުނު އެންމެ ތަފާތު އެއް ހުނަރުވެރިޔާއެވެ.