އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ މުޅި ގައުމުގައި އެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަވުމާއި ގުޅިގެން ރެއާލް މެޑްރިޑުގެ ތަރި ސާޖިއޯ ރާމޯސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ހާލަތާއި ގުޅިގެން ޔުނިސެފްގެ ވެބްސައިޓް މެދުވެރިކޮށް އިންޑިއާއަށް އެހީގެ ފައިސާ ހޯދުމަށް ހިންގާ ހަރަކާތަށް ހިތްވަރު ދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރި ޔުނިސެފްގެ ޕޯސްޓާއެކު ސާޖިއޯ ރާމޯސް ވަނީ އެންމެންވެސް އިންޑިއާ އަށް އެހީވެދިނުމަށް ގޮވާލާފައެވެ.

ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އިންޑިއާގެ ހާލަތު ވަރަށްވެސް ގޯހެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް އެ ގައުމުގައި ދުނިޔޭގެ ރެކޯޑު މިންވަރަކަށް މީހުން ފައްސިވެ މަރުވެފައިވެއެވެ. އަދި އޮކްސިޖަން ނުލިބުމުގެ މައްސަލަ ކުރިމަތިވެ ގިނަ ގޮންޖެހުންތަކެއް އެ ގައުމަށް ކުރިމަތިވިއެވެ.

ލިބުނު އަނިޔާއާއި ގުޅިގެން މިވަގުތު ފަރުވާކުރަން ކުޅުމާއި ދުރުގައި ހުރި ކުޅުންތެރިޔާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާގައި މަރާ ހަނގުރާމަކުރަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާ ކަމަށާއި މީގެތެރޭގައި 5 އަހަރުންދަށުގެ ކުޑަކުދިން ގިނަކަމަށެވެ. އަދި ތަފާސްހިސާބުތައް ދައްކާގޮތުން މި ރޭޓު ދުނިޔޭގެ ނިސްބަތުން ގިނަވެދާނެ ކަމަށްވެސް ބުނެއެވެ. އެހެންކަމުން އެންމެންގެ އެހީ ދިނުމަށް ރާމޯސް ގޮވާލިއެވެ.

ރާމޯސް ވަނީ މީގެ ދެ ހަފުތާ ކުރިން ކޮވިޑަށް ފައްސިވެފައެވެ. އެއާއެކު އޭނާ ވަނީ 10 ދުވަހަށް ކަރަންޓީނުވެފައެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ރާމޯސް ނުފެނުނު ނަމަވެސް ދެވަނަ ލެގުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.