އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން ލިބުނު މޮޅާއެކު ޗެލްސީން ގަދަ ހަތަރެއްގައި ހަމަޖެހިލައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ޒުވާން ތަރި ކައި ހަވާޓްޒް އެވެ.

މެޗުގައި ހަވާޓްޒްގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ ކުރީކޮޅު އެވެ. އެގޮތުން މި ލަނޑު އޭނާ ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މި ލަނޑުގެ ފަހުން ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ޗެލްސީއަށް ލިބުނެވެ. މެޗުގެ ފުރަަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑާއެކު ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޗެލްސީންނެވެ. މި ހާފުގައި ފުރަތަމަ ހާފަށްވުރެ ގިނަ ފުރުސަތު އެ ޓީމުން ތަނަވަސްކުރި އެވެ. ޗެލްސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ހަވާޓްޒް މި ލަނޑު ކާމިޔާބުކުރީ ވާނާ ގެ އެހީތެރިކަމާއެކު އެވެ. މި ހާފުގައި ޗެލްސީއަށް ލީޑު ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު 24 މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި މިއީ ޓުޗެލް އަށް ރެކޯޑެކެވެ. ޗެލްސީއާއި ހަވާލުވެ މެޗަކުން ބަލިނުވެ 11 މެޗު ވަނީ ފުރިހަމަވެފައެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީހުގައި މަގާމައި ހަވާލުވުމަށްފަހު މި ރެކޯޑު ދެމެހެއްޓި ފުރަތަމަ ކޯޗެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ ކުޅުނު 34 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. މި ހަފުތާގައި ޗެލްސީއަށް ދެން ކުރިޔަށް އޮތީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗެވެ.