ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗަށް ރެއާލް މެޑްރިޑުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޑިފެންޑަރ ރަފައެލް ވަރާން ފިޓުވާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރާމޯސް ވަނީ ދާދިފަހުން އޭނާއަށް ލިބުނު އަނިޔާއިން ރަނގަޅުވެފައެވެ. އަދި ރެއާލްގެ ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވާން ފަށާފއެވެ. އެންމެފަހުން ރާމޯސް މެޗެއް ކުޅެފައިވަނީ މިދިޔަ މާރޗު މަހުގެ ތެރޭގައެވެ.

ވަރާން އަށް ލިބުނީ ކުޑަ އަނިޔާއެކެވެ. އެއީ އޮސަސޫނާ އާއި ދެކޮޅަށް ކުޅެ 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗެވެ. ރިޕޯޓުތައް ބުނާގޮތުން ވަރާން ފިޓުވުމުގެ ފުރުސަތު ބޮޑެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި ރެއާލްގެ ޑިފެންސުގެ ދެ ކުޅުންތެރިން މަދުވި ބައި ފޫބެއްދީ ޕޯޓޯ އިން ރެއާލަށް ބަދަލުވި ޑިފެންޑަރ އެޑާ މިލިޓާއޮ އެވެ. އޭނާ ވަނީ އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލަށް ލަނޑުވެސް ޖަހައިދީފައެވެ. އެއާއެކު ކޯޗު ޒިދާން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ޗެލްސީގެ ދަނޑުގައި މި މެޗު ކުޅޭއިރު އެ ޓީމުގެ ޑިފެންސްލައިނުގައި ވަރާން އަދި ރާމޯސް ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ކޯޗު ޒިދާން ދެކެއެވެ ރެއާލްގެ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.