އިޓާލިއަން ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ލީގު ޗެމްޕިއަންކަން 11 އަހަރަށްފަހު އިންޓަ މިލާން ހޯދައިފިއެވެ.

އިންޓަ މިލާނުން ލީގު ކަށަވަރުކުރީ މިއަދު އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ. އަދި މިއީ މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޔުވެންޓަސް އަތުން ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ.

އިންޓަމިލާނުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން 2009-2010 ވަނަ އަހަރުގައެވެ. އަދި މިއީ އިންޓަމިލާނުގެ ކުލަބުގެ ތާރީހުގައި އެ ޓީމުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ.

އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ބޮޑުބައި އެޓަލަންޓާ އިން ކުޅުނީ އެއް ކުޅުންތެެރިއަކު މަދުށެވެ. އެއީ މެޗުގެ 23 ވަނަ މިނިޓްގައި އެޓަލަންޓާގެ ކީޕަރު ޕެރްލުއީޖީ ގޮލީނީ އަށް ރަތް ކާޑު ދެއްކުމުންނެވެ. މި މެޗުގައި އެޓަލަންޓާ އިން ލަނޑު ޖަހާފައިވަނީ 32 ވަނަ މިނެޓުއެވެ. މި ލަނޑު ޖެހީ އެޓަލަންޓާގެ ރޮބިން ގޮސެން އެވެ. މެޗުގައި ސަސުއޯލޯ އެއްވަރުކުރި ލަނޑު ޖެހީ ޑޮމެނީކޯ ބެރާޑީ އެވެ.

ލީގުގައި އިންޓަ މިލާނުން އެންމެ ފަހުން ކުޅުނު މެޗުން ވަނީ ކްރޮޓޯނޭ 2-0 އިން ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ މިލާން އޮތީ ކުޅުނު 34 މެޗުން 82 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެޓަލާންޓާ އޮތީ 34 މެޗުން 69 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަދި ފަސްވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފައެވެ.