ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޕީއެސްޖީ ކޮޅަށް ނަތީޖާ އަނބުރާލަން މަސައްކަތްކުރާނެ ކަމަށާއި އެ މެޗުގައި ކުޅޭނީ "ބަތަލެއް" ގެ ގޮތުގައި ކަމަށް ނޭމާ ބުނެފިއެވެ.

ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީ އަތުން ޕީއެސްޖީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭމާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެމުން ނޭމާ ބުނީ ދެވަނަ ލެގުގައި ކުޅޭނީ "ބަތަލެއްގެ" ގޮތުގައި ކަމަށާއި ޕީއެސްޖީ ކޮޅަށް ނަތީޖާ އަނބުރާލަން ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށެވެ.

"ސިޓީ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ވަރަށް އުނދަގޫ، އެކަމަކު އެބަ ޖެހޭ ގަބޫލުކުރަން ނަތީޖާ އަނބުރާލެވިދާނެ ކަމަށް، ކިތަންމެ މޮޅު ސްޓެޓްސް އެއް އެމީހުން ކޮޅަށް އޮތަސް އެކަން ބަދަލުކުރެވޭނެ ކަން އެބަޖެހޭ އެމީހުންނަށް ދައްކަން ،" ސިޓީގެ ދަނޑުގައި ކުޅޭ ދެވަަނަ ލެގު މެޗުގެ ކުރިން ވާހަކަދައްކަމުން ބުންޏެވެ.

ނޭމާ ބުނީ ޕީއެސްޖީގެ ކޮންމެ ސަޕޯޓަރެއްގެ ވިސްނުންވެސް އެހެން ބަދަލުކުރަން ޖެހޭ ކަމަށާއި މިއީ އެންމެން ވެގެން ކުރެވޭނެ ކަމެއް ކަމަށް ބުނެފައެވެ.

"އަހަރެން ހުންނަނީ އެންމެ ކުރީގަ، އެހެންވީމަ އަހަރެން ވާނީ ހަނގުރާމަ ކުރާނެ ބަތަލަކަށް ޓީމު މޮޅުކޮށްދޭން، ސަޕޯޓަރުން އެއްބާރުލުން ދޭން ޖެހޭ މި މެޗުން ރަނގަޅު ނަތީޖާ ނެރެން" ނޭމާ ބުންޏެވެ.

ނޭމާ ބުނީ ދަނޑުމަތީގައި މަރުވާން ޖެހުނަސް އެއީ މައްސަލައެއް ނޫން ކަމަށާއި ފައިނަލަށް ދާން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ. އަދި ޕީއެސްޖީގައި އެ ގާބިލުކަން ހުރިކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

ސިޓީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގަށްފަހު ޕީއެސްޖީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ލެންސް އަތުން 2-1 އިން މޮޅުވެފައެވެ. މި މެޗުން މޮޅުވި ނަމަވެސް ޕީއެސްޖީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ނޭމާ ބުނީ މި މެޗާއި ގުޅިގެން ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައި ކަމަށާއި ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުންވެސް ޓީމު ބަލިކަށިވެފައިވާ ކަމަށެވެ.

ނަމަވެސް ކުރިޔަށްއޮތް ސިޓީ މެޗަށް ކުޅުންތެރިން ފިޓުވާނެ ކަމަށް ފުރިހަމައަށް ގަބޫލުކުރެވޭ ކަމަށްވެސް ނޭމާ ބުންޏެވެ. މި ސީޒަނުގައި ޕީއެސްޖީއަށް ތިން ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ފްރެންޗް ލީގާއި ފްރެންޗް ކަމުގެ އިތުރުން ޗެމްޕިއަންސް ލީގެވެ.

ޕީއެސްޖީއާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގައެވެ. މި މެޗު 2-0 ގެ ފަރަގަކުން ޕީއެސްޖީ މޮޅުވެއްޖެ ނަމަ ފައިނަލުގެ ޖާގަ ލިބޭނެއެވެ.