ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ބާސެލޯނާގައި މެސީ ކާމިޔާބުކުރި ފްރީކިކް ލަނޑުތަކުގެ އަދަދު 50 އަށް އަރައިފިއެވެ.

ރަށުންބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު ކާމިޔާބުކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މެސީ ކާމިޔާބުކުރި 50 ވަނަ ފްރީކިކް ލަނޑާއެކު ބާސާ ވަނީ ލީގު ހޯދުމުގެ ރޭހުގައި ކުރިޔަށް ޖެހިލާފައެވެ.

އުނދަގޫތަކާއި އެކު ބާސެލޯނާ މޮޅުވި މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ނުފެނެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާ އިންނެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޕައުލިސްޓާއެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން މެސީ ވަނީ ބާސާއަށް އެއްވަރުކޮށްދީފައެވެ.

ބާސާއިން ލީޑު ނެގީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަންއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން ލިބުނު ހިލޭޖެހުމެއްގއި މެސީ ލީޑު ފުޅާކޮށްދިނެވެ. ވެލެންސިއާ އަށް ފަރަގު ކުޑަކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާލޮސް ސޯލާ އެވެ.

މި މޮޅާއެކު ވެލެންސިއާ ބަލިކުރި ބާސެލޯނާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި ކުޅުނު 34 މެޗުން 76 ޕޮއިންޓް ހޯދައިގެން އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލް އާޢި ބާސާ އޮތީ 34 މެޗުން 74 ޕޮއިންޓާއެކު އެވެ. ހެޑް ޓު ހެޑް އިން ކުރީގައި އޮތީ ރެއާލް އެވެ.