ކުރިމަގުގައި ބޭނުންވަނީ ފުޓުބޯޅައިގައި އިތުރު ހަރުފަތްތަކެއް ކުރިޔަށްދިއުމަށް ކަމަށާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އިނގިރޭސި އުއްމީދީ ކުޅުންތެރިޔާ މާކަސް ރަޝްފޯޑް ބުނެފިއެވެ.

ރަޝްފޯޑް މިހެން ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަދަލަށް އެންމެ އެކަށީގެންވާ މީހަކީ ރަޝްފޯޑްކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ޝުއޫރުފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެެ.

އިނގިރޭސި ރައްޔިތުން ރަޝްފޯޑަށް މިހާ ގަދަރުކުރަނީ އޭނާގެ އިންސާނިއްޔަތުކަން އިސްކުރާ މިންވަރާ ގުޅިގެންނެވެ. އިނގިރޭސި ފަގީރު ކުޑަކުދިންނަށް ހާއްސަކޮށް ފެށި ހިލޭސާބަހަށް ކާތަކެތި ބެހުމުގެ ކާމިިޔާބު ޕްރޮގްރާމަށް ރަޝްފޯޑަށް ގިނަބަޔަކު ތައުރީފުކުރިއެވެ. އެއާއެކު އެ ގައުމުގެ ރައްޔިތުން ވަނީ ގައުމުގެ ބޮޑުވަޒީރުކަމަށް ރަޝްފޯޑު އައުމަށް ގޮވާލާފައެވެ.

ރަޝްފޯޑް ވަނީ ދާދިފަހުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ވީޑިއޯ މެދުވެރިކޮށް ބައްދަލުކޮށްފައެވެ. އޮބާމާ ވަނީ މި ބައްދަލުވުމުގައި ރަޝްފޯޑްގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. މިއީ އިނގިރޭސި ބޮޑުވަޒީރަށްވެސް ނުވެ އޮތް ބޮޑު ކަމަކަށް ވުމާއެކު ގިނަ ރައްޔިތުން ދަނީ ރަޝްފޯޑް މިސާލަކަށް ނެގުމަށް އެދި ގޮވާލާފައެވެ.

މި ވާހަކަތަކަށް ރައްދުދެމުން ރަޝްފޯޑް ބުނީ ބޮޑުވަޒީރަށްވުރެ ބޮޑަށް ކްރިސްޓިއާނޯ ރޮނާާލްޑޯ އުޅޭގޮތަށް އުޅުންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

އިންގްލޭންޑާއި ސްކޮޓްލޭންޑް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރަޝްފޯޑު ބުނީ ސިޔާސީ މީހަކަށް ވަރަށް ފަސޭހައިން ވެވިދާނެ ކަމަށާއި ނަމަވެސް އެކަހަލަ އެއްވެސްކަމެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ރަޝްފޯޑް އެންމެ ބޮޑަށް ސަޕޯޓުކުރާ އެއް ކުޅުންތެރިއަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ދާދިފަހުން ޔޫރޯގެ ރެކޯޑެއް އާކޮށްފައެވެ. މިހާރު އެއީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅޭ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ރަޝްފޯޑް ވަނީ ރޮނާލްޑޯއަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.