ދުނިޔޭގެ ފުޓުބޯޅައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑުތައް މެޗަކަށްފަހު މެޗެއް ދަނީ އިތުރުވަމުންނެވެ. މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޭނާ މިހާތަނަށް ގިނަ ރެކޯޑުތަކެއް އާކޮށްފައިވާއިރު އެހެން ބައެއް ރެކޯޑުތަކާއި މިހާރު ވަނީ އަރާ ހަމަކޮށްފައެވެ.

އެންމެފަހުން ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށް ޔޫރޯގައި ކުޅުނު މެޗުގައި ރޮނާާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ދުނިޔޭގެ ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ. އެއީ އީރާންގެ ލެޖެންޑް އަލީ ދާއީ އަތުގައި މީގެކުރިން އޮތް ރެކޯޑެކެވެ. އެ ރެކޯޑަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ރޮނާލްޑޯ ވަނީ މި މެޗުގައި ޖެހި ދެ ލަނޑާއެކު އަލީ ދާއީގެ 109 ލަނޑާ ހަމަކޮށްފައެވެ.

މި ކާމިޔާބީއާއި ގުޅިގެން ރޮނާލްޑޯއަށް އެންމެ ފުރަތަމަ މަރުހަބާކީ މީހުންގެ ތެރޭގައި އަލީ ދާއީ ހިމެނެއެވެ. މަރުހަބާ ކިޔާފައިވަނީ އަލީ ދާއީގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

މި އިންސްޓަގްރާމް ޕޯސްޓުގައި އަލީ ދާއީ ވަނީ ރޮނާލްޑޯއަށް ހާއްސަ ޕޯސްޓެއް ތައްޔާރުކޮށް މަރުހަބާގެ ލިޔުންކޮޅެއް ލިޔެފައެވެ. މި ލިޔުންކޮޅުގައި އަލީ ދާއީ ބުނެފައިވަނީ މި ރެކޯޑު އާކުރަން ރޮނާލްޑޯއަށް ދެން ބޭނުންވަނީ އެއް ގޯލު ކަމަށާއި ރޮނާލްޑޯ ފަދަ ތަފާތު ކުޅުންތެރިއަކަށް މިފަދަ ރެކޯޑެއް އޮތުމަކީ އޭނާއަށްވެސް ލިބޭ އުފަލެއްކަމުގައެވެ.

"މި ރެކޯޑު ދެން ރޮނާލްޑޯ އަތުގައި އޮތުމަކީ އަހަރެން ވަރަށް ފަހުރުވެރިވާނެ ކަމެއް، ތިއީ ފުޓުބޯޅައިގެ ޗެމްޕިއަނެއް، އިންސާނިއްޔަތަށްޓަކައި ގިނަ ހިދުމަތްތަކެއް ކޮށް އޭގެ ސަބަބުން ގިނަބައެއްގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށް މުޅި ދުނިޔެއަށް ފޯރުކޮށްދިން މީހެއް" އަލީ ދާއީގެ އިންސްޓަގްރާމް ޕޯސްޓުގައި ލިިޔެފައިވެއެވެ.

އީރާން ގައުމީ ޓީމުގައި އަލީ ދާއީ ކުޅުނުއިރު އޭނާއަކީ މުޅި މި އޭޝިއާ ބައްރުންވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އޭނާ މި އަދަދަށް ގޯލު ޖަހާފައިވަނީ އީރާން ގައުމީ ޓީމަށް ކުޅެދިން 149 މެޗުންނެވެ.

އަލީ ދާއީގެ އުމުރުން މިހާރު 52 އަހަރެވެ. އޭނާ ކުޅުން ހުއްޓާލާފައިވަނީ 2006 ވަނަ އަހަރުގައެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ މިހާރުވެސް ދަނީ އީރާންގެ ފުޓުބޯޅައިގެ އެކި ކަންކަމުގައި ހަރަކާތްތެރިވަމުންނެވެ.

މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ދަނީ ގިނަ ރެކޯޑުތަކެއް އާކުރަމުންނެވެެ. ޔޫރޯގައި މިހާތަނަށް އޭނާ ޖެހި ލަނޑުތަކާއެކު ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި މިރޮސްލާވް ކްލޯސާ އަތުގައި 19 ގޯލާއެކު މިހާތަނަށް އޮތް ޔޫރޯ އާއި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޭނާ ވަނީ އާކޮށްފަައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ސާބަހޭ ދާއި ، ސާބަހޭ ރޮނާލްޑޯ.

    27
    2
  2. Anonymous

    ދާއީ ވޯލްޑްކަޕް ކޮލިފައިން އެއްގަ ރާއްޖެ ކޮޅަށް ޖަހާލި ލަނޑު ގޯނިން ބިންދާލެވުނު ރިކޯޑެއް. ހެހެހެ

    8
    3
  3. އައްޑޫ ޝަކުވާ ބޯޓު

    ޝާހުއަށް :ބުނެލަން: އޮތީ: ކުޅިވަރު: ހަބަރު: ކިޔާމީހުން: އެއީ: މާކަގިނައިން: ކޫސަނި: ކޮމެންޓްކޮށް: އުޅޭބައެއް: ނޫނޭ:

    ޝާހު: ތިކުރައްވާ: މަސައްކަތަށް: އައްސަރި: ބަހާ: ސާބަސް:
    ޢަބަދުވެސް: ކޮންމެލިޔުމެއް: ވެސް: އެހާ: ފުރިހަމަވެފައި: މައުލޫމާތު: މުއްސަނދި:

    ޝާހް: ތިއީ: މިރާއްޖޭގައި: ކުޅިވަރު: ހަބަރު: ގެނެސްދޭ: އެންމެ: ބެސްޓް؛ނޫސްވެރިޔާ:

    ކީޕް:އިޓްއަޕް: brO ؛... 👏

    1
    1