ޔޫރޯ 2020 ގެ ދެ ވަނަ ބުރުގައި އިންގްލޭންޑާ ދެކޮޅަށް ޖަރުމަނު ކުޅުނީ ހަމައިގައި ތިބެގެން ނޫން ކަމަށާއި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ޖަރުމަނުގެ ފުޓުބޯޅަަ ލެޖެންޑް މައިކަލް ބަލަކް ބުނެފިއެވެ.

ޖަރުމަނާއެކު 2008 ގެ ޔޫރޯގެ ރަނަރަޕް އަދި 2006 ވޯލްޑްކަޕުގެ ސެމީފައިނަލަށް ދަތުރުކުރި ޓީމުގައި އިސް ދައުރެއް އަދާކުރި ބަލަކު ވަނީ މިފަހަރުގެ ޔޫރޯގައި ޖަރުމަނުގެ ކުޅުން ދަށް ކަމަށްބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެެވެ.

ޖަރުމަނުގެ ޓީވީއެއްގައި ވާހަކަދައްކަމުން ބަލަކު ބުނީ އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި އެ ބަދަލުތައް ނުގެނެސް މަޑުކުރީ ކީއްވެގެން ކަން ވިސްނާ ނޭނގުނު ކަމަށެވެ. އަދި ޖުމްލަކޮށް ޖަރުމަނު ކުޅުންތެރިން މި މެޗުގައި ގިނަ ގޯސްތަކެއް ހެދި ކަމަށާއި ގިނަ ކުޅުންތެރިން ތިބީ ހަމައިގައި ނޫންކަމަށް ބަލަކު ބުންޏެވެ.

ބަލަކުގެ މި ވާހަކަތަކަށް ބާރުދީ ޖަރުމަނާއެކު 1996 ގެ ޔޫރޯ ކާމިޔާބުކުރި ސްކޮޑުގެ ކުޅުންތެރިޔާ ފްރެޑީ ބޯބިކް ބުނީ މީގެކުރިންވެސް ޔޯހައިމް ލޯގެ ބަދަލުތަކާއި މެދު ސުވާލު އުފެދުނު ކަމަށެވެ. އަދި ބައިކޮޅަށް ގޯލެއް ވަދެފައިވަނިކޮށް ވެސް ޖަރުމަނު ކުޅުންތެރިން ކުރިޔަށް އަރަން އެއްވެސް ވަރަކަށް ހިތްވަރެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މި ނަތީޖާއާއެކު ގިނަ ބައެއްގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވީ ޖަރުމަނުގެ ކޯޗު ޔޯހައިމް ލޯ އަށެވެ. މިއީ އޭނާ ޖަރުމަނު ގައުމީ ކޯޗުކަަން ކުރި ފަހު މުބާރާތެވެ. އޭނާ ކޯޗުކަމުން ދުރަށް ދިޔައީ 15 އަހަރު ވަންދެން އެ ޓީމުގައި ކޯޗުކަން ކުރުމަށްފަހުއެވެ.

މިފަހަރުގެ ޔޫރޯގައި ޖަރުމަނު ލައްވާލީ ވަރުގަދަ ގްރޫޕެއްގައެވެ. މަރުގެ ގްރޫޕުގެ ގޮތުގައި ސިފަކުރި ގްރޫޕް އެފްގައި ޖަރުމަނު ނިންމާލީ ދެވަނަ މަގާމުގައި އޮވެގެންނެވެ. ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ނަމަވެސް ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވިއިރު ހަންގޭރީ އަތުން ވަނީ އެއްވަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޖަރުމަނުގައި ވެއްޖެ ބުއްޅަބޭ! އޭނާ އަރާ ތަނަކަށްވިއްޔާ "އަބަދު ހަމާގައި ތިބެން ނުޖެހޭ" ރޯގައި ޖެހޭނެ. ޖަރުމަނަށް ޖެހުނު ކަމަކީ އެއީ. ތި ޤައުމުގައި ހުރި މީހެއްގެ ރޯގާ ޖެހުނީ!

    17
    6