އިޓަލީގެ ޑިފެންސްގައި ހިމެނޭ އެންމެ މުހިންމު އެއް ތަނބަކީ ލިއަނާޑޯ ބޮނޫޗީއެވެ. މިފަހަރުގެ ޔޫރޯގައި އިޓަލީ ކުޅުނު ހުރިހާ މެޗެއްގައި އޭނާ ކުޅުނެވެ. ބޮނޫޗީ ފާހަގަ ކުރެވިފައި ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ލީޑަރެއްގެ ގޮތުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް މުބާރާތުގެ ފައިނަލުގެ އެއް ޖާގަ ކަށަވަރު ކުރި ޓީމަކީ ވެސް އިޓަލީއެވެ. އިޓަލީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެއް ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިއަކީ ވެސް ފަހަތަށް ކުޅޭ ބޮނޫޗީއެވެ.

ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވުމާ އެކު، ކުޅުންތެރިން ދަނޑުމަތީގައި އުފާފާޅު ކުރަން ފެށިއެވެ. އެންމެ ބޮޑަށް އުފާ ފާޅު ކުރި ކުޅުންތެރިންގެ ތެރޭގައި ބޮނޫޗީ ހިމެނެއެވެ. އޭނާ ވަނީ ސަޕޯޓަރުންގެ ކައިރި އަށް ގޮސް، އުފާ ފާޅުކުރުމުގައި ބައިވެރިވެފައެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމަށް ވަދެ ތިބި އިޓަލީ ސަޕޯޓަރުންތަކެއްގެ ކައިރި އަށް ގޮސް، އުފާ ފާޅުކޮށް ނިމިގެން، އެހެން ދިމާލަކަށް ބޮނޫޗީ ދާން އުޅުމުން އޭނާ އަށް ދިމާވީ މުޅިން ތަފާތު ކަމެކެވެ. ދަނޑުގައި ހުރި އަންހެން ސެކިއުރިޓީ ގާޑަކު ވަނީ ބޮނޫޗީ ހުއްޓުވައިފައެވެ. ބޮނޫޗީ ހުއްޓުވާފައި ވަނީ އެއީ ދަނޑަށް އަރަން ދިޔަ ސަޕޯޓަރެއް ކަމަަށް ހީވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވީޑިއޯ މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިރު، ގިނަ ބަޔަކަށް މިކަންވީ މަޖާ ކަމަކަށެވެ.

މެޗަށް ފަހު ވާހަކަ ދައްމުން އުމުރުން 34 އަހަރުގެ ބޮނޫޗީ ބުނީ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށެވެ. މި މެޗުގައި ސްޕެއިންގެ ފަރާތުން ދެއްކި ކުޅުމަށް މަރުހަބާ ކިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޯގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު އިޓަލީ ބައްދަލު ކުރާނީ މިރޭ އިންގްލެންޑާއި ޑެންމާކް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ އަހުމަދު

    ސެކިއުރިިޓީ އަށް ކޮންސާންވާވަރު އެނގެނީ، ސެކިއުރިޓީ ފޯކަސް ގެއްލުވާލާފަ މެޗްބަލަންތިބިނަމަ އެނގޭނެ ކުޅުންތެރިއެއްކަން، ދެޓުސް ގްރޭޓް ޑިޝިޝަން..