ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ އިޓަލީ، އާއި އިންގްލޭންޑް ބައްދަލު ކުރާ އިރު، ފައިދާ ބޮޑީ އިނގިރޭސި ވިލާތަށެވެ. އެންމެ ބޮޑު، އަދި އެންމެ މުހިންމު ސަބަބަކީ މުބާރާތުގެ ފައިނަލް މެޗު އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމެވެ. އިޓަލީއާ އަޅާ ބަލާ އިރު، އިނގިރޭސި ކުޅުންތެރިންނަކީ މި ސްޓޭޑިއަމަށް ކުޅެން ފަރިތަ ކުޅުންތެރިންތަކެކެވެ.

ގިނަ ބައެއްގެ ލޯތައް މި މެޗަށް އަމާޒުވެފައިވާ އިރު، ފައިނަލް މެޗުން މޮޅުވާނެ ބަޔަކު ބެލުމަށް ބައެއް މީހުން ބޭނުން ކުރަނީ އެކި އުކުޅުތަކެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ޒުލެއްގައި ދިރިއުޅޭ މިއަކެޓުތަކެއް ވަނީ ފައިނަލް މެޗުގައި އިޓަލީގެ މައްޗަށް އިނގިރޭސީން ކުރި ހޯދާނެ ކަމަށް ބުނެފައެވެ. ޒޫ ބަލަހައްޓާ މީހާ ކުރިކަމަކީ ބިންމަތީގައި ކުޑަ ވަޅުގަނޑެއް ކޮނުމަށްފަހު މިއަކެޓުތައް ކައިރީގައި އިންގްލެންޑް ދިދަ އާއި އިޓަލީ ދިދަ ޖެހުމެވެ. ގާތްގަނޑަކަށް ފަސް މިނެޓް ތެރޭގައި މިއަކެޓްތައް ވަނީ އިންގްލެންޑް ދިދަ ބިން މައްޗަށް ވައްޓާލައިފައެވެ.

މިފަހަރުގެ ޔޫރޯގައި މީގެކުރިން ޖަރުމަނުގެ ޒުލެއްގައި ވަނީ އެތެއް ބޭނުންކޮށްގެން ޖަރުމަނު ކުޅުނު މެޗްތަކުގެ ނަތީޖާ ލަފާކޮށްފައެވެ. އުމުރުން 42 އަހަރުގެ މިއެތް ވަނީ ޖަރުމަނު ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗްތަކެއްގެ ނަތީޖާ ދިމާކޮށްފައެވެ.

ނަމަވެސް މުބާރާތުގެ ދެ ވަނަ ބުރު (ރައުންޑް އޮފް 16) ގައި ޖަރުމަނު، އިނގިރޭސީންނާ ވާދަކުރި މެޗުގައި ޖަރުމަނު މޮޅުވާނެ ކަމަށް މި އެތް ބުނެފައިވެއެވެ. އެކަމަކު، އެ މެޗު ކާމިޔާބުކޮށްފައި ވަނީ 1 - 0 ގެ ނަތީޖާއަކުން އިނގިރޭސި ވިލާތެވެ.

ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ މިގޮތަށް ޖަނަވާރުން ބޭނުންކޮށްގެން އަންނަނީ މެޗްތަކުގެ ނަތީޖާ ކުރީބައިގައި ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން 2010 ގައި ބޭއްވި ވޯލްޑް ކަޕްގައި ޕައުލް ކިޔާ ބޯވައެއް ވަނީ އެފަހަރުގެ މުބާރާތުގައި ޖަރުމަނު ކުޅުނު އަށް މެޗްގެ ނަތީޖާވެސް ދިމާކޮށްފައެވެ.