އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޗުއްޓީ ދަތުރެއްގައި ސްޕެއިންގެ އެއާޕޯޓަކުން ފުރަން އުޅެނިކޮށް އެއާޕޯޓަށް ދިޔަ މީހެއްގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައި މެސީ ފުރުން ފަސް ކުރަން ޖެހިއްޖެއެވެ.

އާޖެންޓީނާގެ ރޮޒާރިއޯގެ އެއާޕޯޓުން ފުރައިގެން ސްޕެއިނަށް މެސީ ދަތުރުކުރަން އޮތް ފްލައިޓް ދަތުރު ފެށުމުގެ ކުރިން އެއާޕޯޓަށް ދިޔަ މީހަކު ވަނީ އޭނާގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނެފައެވެ. އެއާއެކު އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށް އެއާޕޯޓުން މީހުން ހުސްކޮށްފައިވެއެވެ. އަދިރޮޒާރިއޯ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލާފައިވެއެވެ.

އެއާޕޯޓުގެ ސެކިއުރިޓީން ވަނީ ބޮމެއް އޮތް ކަމަށް ބުނި މީހާ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހެދީ ދޮގެއްކަން އެނގުނީ އެއް ގަޑިއިރު ފަހުން އަލުން އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމުންނެވެ. އެކަން ހިނގިއިރު މެސީ ހުރީ އެއާޕޯޓަކު ނޫނެވެ.

ނަމަވެސް އެއާޕޯޓު އާންމު ހާލަތަކަށް ބަދަލު ކުރުމާ އެކު މެސީ ވަނީ އެއާޕޯޓަށް ގޮސްފައެވެ.

އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް ފަހު މެސީ ވަނީ މިހާރު އެނބުރި ސްޕެއިނަށް ގޮހެވެ. އުމުރުން 34 އަހަރުގެ މެސީ ވަނީ އާޖެންޓީނާ އަށް ކޮޕާ އެމެރިކާ ހޯދައި ދިނުމަށް މުހިންމު ރޯލެއް އަދާކޮށްފައެވެ.

ބާސާ އިން މެސީއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން އޭނާ މިހާރު ހުރީ އެއްވެސް ކްލަބެއްގައެއް ނޫނެވެ. މެސީއާ އެކު އެއްބަސްވުމަކަށް އައުމަށް ބާސާ އިން މަސައްކަތް ކުރަމުން އައި ނަމަވެސް އެ ކްލަބަށް ދިމާވެފައިވާ މައްސަލައަކީ މާލީ ހާލަތު ތަން ނުދިނުމެވެ.