ޖަޕާނުގެ ޓޯކިޔޯގައި ބާއްވަން ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސް އަށް ގޮސް ފިލި ޔުގެންޑާގެ އެތްލީޓު އަތުލައިގެންފިއެވެ.

ޖަޕާނަށް ގޮސް ފިލައިގެން އުޅެނިކޮށް އަތުލައިގަނެފައި ވަނީ ޔުގެންޑާގެ ބަރު އުފުލާ އެތްލީޓެއް ކަމަށްވާ އުމުރުން 20 އަހަރުގެ ޖޫލިއަސް ސެކިޓޮލެކޯއެވެ. އޭނާ ފިލާފައި ވަނީ އޮލިމްޕިކް ޓްރެއިނިން ކޭމްޕުގައި ހުރެފައެވެ. ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ސެކިޓޮލެކޯ ހޯދާފައި ވަނީ އެ ގައުމުގެ ޔޮކޮއިޗީން ކަމަށެވެ. މިއީ ޖަޕާނުގެ މެދުގައި އޮންނަ ސިޓީއެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސެކިޓޮލެކޯ ފިލާފައިވާކަން އެނގުނީ އޭނާގެ ކޮވިޑް ސުންކު ނެގުމަށް ދިއުމުން އޭނާ ހޯދައި ނުފެނުމުންނެވެ. އޭނާ ފިލައިގެން ދިއުމުގެ ކުރިން ވަނީ ނޯޓެއްވެސް ކޭމްޕުގައި ބާއްވައިފައެވެ. އެ ނޯޓުގައި ސެކިޓޮލެކޯ ބުނީ ޔުގެންޑާގައި އޭނާ އަށް އުޅެން އުނދަގޫ ކަމަށާއި އޭނާ ބޭނުންވަނީ ޖަޕާނުގައި މަސައްކަތްކޮށް ދިރިއުޅެން ކަމަށެވެ.

ސެކިޓޮލެކޯ އޮލިމްޕިކްސް އަށް ކޮލިފައި ނުވާއިރު އޭނާ ފިލީ އެނބުރި ޔުގެންޑާއަށް ފުރުވާލަން ތައްޔާރުވެފައި ވަނިކޮށެވެ.

ފުލުހުންނާ ހަވާލަދީ މީޑިއާ އިން ކުރިން ބުނީ ސެންޓްރަލް ޖަޕާނުގެ ނަގޯޔާގެ ބުލެޓް ޓްރެއިންއަކުން ދަތުރުކުރުމަށް ސެކިޓޮލެކޯ ޓިކެޓެއް ނަގާފައިވާ ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސް މިދިޔަ އަހަރު ބާއްވަން ފުރަތަމަ ނިންމި ނަމަވެސް، ކޮވިޑްއާ ގުޅިގެން މުބާރާތް ފަސް ކުރަން ޖެހުނީއެވެ. އޮލިމްޕިކްސް މިފަހަރު ބާއްވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކުގައެވެ.

ސެކިޓޮލެކޯ ފިލުމުން ކަންބޮޑުވާ އެއް ސަބަބަކީ ޔުގެންޑާއިން ފާއިތުވި މަހު ޖަޕާނަށް ދިޔަ ދެ އެތްލީޓަކު ކޮވިޑަށް ފައްސިވުމެވެ. ފައްސިވި މީހުންގެ ތެރޭގައި ސެކިޓޮލެކޯ ހިމެނޭކަމެއް ނުވަތަ ނޫންކަމެއް ކަމާބެހޭ އިދާރާއަކުން އަދި ހާމަނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު