ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ހިމެނޭ ގޮތަށް ވޯލްްޑްކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކާލުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށައެޅީ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ ސްވިޒަލޭންޑުގެ ފެޑެރަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއީ 2010 އަދި 2014 ގެ ވޯލްޑް ކަޕުގެ ޓީވީ ރައިޓްސް ދިނުމުގައި ޖެހުނު މައްސަލައެކެވެ. އެއީ ކެރީބިއަން ފުޓްބޯލް ޔޫނިއަން (ސީއެފްޔޫ) އަށް ވޯލްޑްކަޕުގެ ޓީވީ ރައިޓްސް ނުއަގުގައި ދިން މައްސަލައެެވެ. ސީއެފްޔޫ އަށް ރައިޓްސް ދޭން އެންމެ ފުރަތަމަ ނިންމީ ބްލެޓާއަށް ހަ ލައްކަ ޑޮލަރުގެ ފައިދާއަކާ އެކުގައެވެ. އެކަން ފަޅާއެރުމާއެކު މި މައްސަލަ ވަނީ ބަލަން ފަށައިފައެވެ.

މި މައްސަލައިގައި ސްވިޒަލެންޑްގެ އެޓާނީ އޮފީހުން މިދިޔަ އަހަރު ނިންމީ ކޯޓަށް މި ކަން ބެލޭނެ ފަދަ ހެކިތަކެއް ލިބިފައި ނެތް ކަމަށެވެ. މި ކަމުގައި ދޫ ނުދޭން ނިންމައި، ފީފާ އިން ދާދި ފަހުން ވަނީ މި މައްސަލަ އަލުން ބަލަން ހުށަހަޅައިފައެވެ. އެކަމަކު، ސްވިޒަލެންޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުން އެންގީ މި މައްސަލައިގައި އެންމެ ފުރަތަމަ ސްވިޒަލެންޑްގެ އެޓާނީ އޮފީހުން ނިންމާފައި އޮތީ ރަނގަޅަށް ކަމަށެވެ.

މިއީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އުުމުރުން މިހާރު 85 އަހަރުވެފައިވާ ބްލެޓާއަށް މި ވަގުތަށް ބަލާއިރު ރަނގަޅު ފާލެކެވެ. ނަމަވެސްް އޭނާގެ އިތުރު މައްސަލަތަކެއް ބަލަން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބްލެޓާ މިހާރުވެސް ހުރީ ފީފާގެ ސަސްޕެންޝަނެއްގައެވެ. އެ ސަސްޕެންޝަން ހަމަވާނީ 2028 ގައެވެ. މިއީ ފީފާއިން ރާވާ ހިންގާ މުބާރާތްތަކުގެ ބޯނަސް ފައިސާއަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ކުރި ސަސްޕެންޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު