ޕްރިމިއާ ލީގުގައި ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ހިފަހައްޓަން އާސެނަލްގެ ޑިފެންޑަރު ޕަބްލޯ މަރީ އުޅުނު ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތް ކުރިން ބެލެހެއްޓި ރިއޯ ފާޑިނެންޑް ވަރަށް ބޮޑަށް ޖޯކު ޖަހައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އާސެނަލް އާއި ޗެލްސީ ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ޗެލްސީންނެވެ. މި މެޗުގައި އާސެނަލް ޑިފެންޑަރުންނަށް ހިފަހައްޓަން އުނދަގޫވި އެއް ކުޅުންތެރިޔަކީ ވެސް ލުކަކޫއެވެ. ލުކަކޫ ވަނީ މި މެޗުގައި ލަނޑު ވެސް ޖަހައިފައެވެ. އަދި ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ވެސް މެޗުގައި ހޯދިއެވެ. މިއީ އިންޓަ މިލާނުން އެނބުރި ޗެލްސީ އަށް އައުމަށް ފަހު ލުކަކޫ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އެންމެ ބޮޑު ކަޅިއެއް ހުއްޓުނީ ލުކަކޫގެ އިތުރުން އާސެނަލްގެ ޑިފެންޑަރު ޕަބްލޯ މަރީއާ ދެމެދުއެވެ. މެޗުގައި ލުކަކޫ ލަނޑު ޖެހީ ވެސް ޕަބްލޯ މަރީގެ ކައިރިން ދެމިގަތުމަށް ފަހުއެވެ. ލުކަކޫ ލަނޑު ޖެހި އިރު، ޕަބްލޯ މަރީ އޮތީ ދަނޑުމައްޗަށް ވެއްޓިފައެވެ.

އޭގެ ފަހުން ވެސް ދެ ކުޅުންތެރިންގެ މެދުގައި ދަނޑުމަތީގައި ކަންތައްތަކެއް ހިނގިއެވެ. އެގޮތުން ލުކަކޫ އަށް ކުރި ފައުލަކާ ގުޅިގެން ޕަބްލޯ މަރީ އަށް ރެފްރީ ވަނީ ރީނދޫ ކާޑު ވެސް ދައްކައިފައެވެ.

ރިއޯ ފާޑިނެންޑް ބުނީ ބެލްޖިއަމްގެ ފޯވާޑް ލުކަކޫ ހުއްޓުވަން ކުރެވޭނެ ކަމެއް ޕަބްލޯ މަރީ އަށް ނޭނގުނު ކަމަށެވެ. ފާޑިނެންޑް ބުނީ ފިޒިކަލީ ލުކަކޫ ހުއްޓުވަން ޕަބްލޯ މަރީ އަށް ކުރެވުނު ކަމެއް ވެސް ނެތް ކަމަށެވެ.

"ޕަބްލޯ މަރީ ހުރީ ހަދާނެ ގޮތް ހުސްވެފައި. އޭނާ އަށް ނޭނގުނު ހަދާނެ ގޮތެއް ވެސް،" ފާޑިނެންޑް ކިޔައި ދިނެވެ.

ފާޑިނެންޑް ބުނީ އާސެނަލް އިން މެޗަށް ނުކުތީ ލުކަކޫ ހުއްޓުވާނެ ގޮތެއް ވެސް ނުހޯދަ ކަމަށެވެ.

ޗެލްސީ ހުއްޓުވުމުގައި އާސެނަލް އިން ނުކުޅެދުނު ކަމަށް ބުނެ ލިވަޕޫލްގެ ކުރީގެ ތަރި ޖެމީ ކަރެހާ ވެސް ވަނީ ފާޑު ކިޔައިފައެވެ. އޭނާ ބުނި ގޮތުގައި އާސެނަލް އިން މަސައްކަތް ކުރީ މެންޗެސްޓަ ސިޓީ އާއި ލިވަޕޫލް ކުޅުނު ގޮތަށް ޗެލްސީ މެޗުގައި ކުޅޭށެވެ.

އެކަމަކު، މެންޗެސްޓަ ސިޓީ އާއި ލިވަޕޫލްގައި ތިބި ފެންވަރުގެ ކުޅުންތެރިން އާސެނަލްގައި ނެތް ކަމަށް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ޓޭބަލް އަށް ބަލާ އިރު، ޗެލްސީ ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އާސެނަލް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.