ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވިތާ ހަތަރު މަސް ފަހުން، ނޫނޯ އެސްޕެރިޓޯ ސަންޓޯ މަގާމުން ވަކިކޮށްފިއެވެ.

ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޓޮޓެންހަމްގެ ކޯޗު މަގާމުން ވަކި ކުރިއިރު، ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު އޮތީ ތާވަލްގެ އަށް ވަނައިގައި 15 ޕޮއިންޓާއެކުގައެވ. ތާވަލްގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އޮތް ޗެލްސީ އާއި ޓޮޓެންހަމްއާ މެދުގައި 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ނޫނޯ މަގާމުން ވަކި ކުރި މައިގަނޑު އެއް ސަބަބަކަށް މިދިޔަ ހޮނިހިރު ދުވަހު ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުން ހިމެނެއެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޓޮޓެންހަމް ބަލިވުމުން ސަޕޯޓަރުން ޓީމުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑު ކިއާފައިވެއެވެ. އެމީހުން ތިބީ ކޯޗު ދެކެ ވެސް ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.

ނޫނޯ މަގާމުން ވަކި ކުރުމަށް ފަހު ޓޮޓެންހަމްގެ ކޯޗު ކަމާ ހަވާލުވާނެ ކަމަށް ބެލެވެނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭއެވެ. ޓޮޓެންހަމް އިން މިދިޔަ އާދިއްތަ ދުވަހު ކޮންޓޭއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"އަހަރެންނަށް އެނގޭ ނޫނޯ އާއި ކޯޗިން ސާފުން ބޭނުންވީ ކާމިޔާބު ހޯދަން ކަން. އެކަމަކު އަހަރެން ދެރަވޭ މި ނިންމުން ނިންމަން ޖެހުނީމަ،" ޓޮޓެންހަމްގެ މެނޭޖިން ޑިރެކްޓަރު ފަބިއޯ ޕަރަޓިސީ ވިދާޅުވިއެވެ.

"ނޫނޯއަކީ ރަނގަޅު މީހެއް. އަހަރުމެން އޭނާ އަށް އަބަދުވެސް މަރުހަބާ ކިޔާނަން. އަހަރުމެން ޝުކުރު އަދާކުރަން އޭނާއަށާއި ކޯޗިން ސްޓާފަށް. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ކާމިޔާބަށް ވެސް އެެދެން،"

ނޫނޯ އެންމެ ފަހުން ކޯޗުކޮށްދިނީ ވުލްވަހެމްޓަންއަށެވެ. އޭނާ ވަނީ އެ ކުލަބުގެ ކުރިއެރުމަށް އެތައް މަސައްކަތްތަކެއް ކޮށްދީފައެވެ.