އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް ކަށަވަރުވާން ފެށިއިރު ގިނަބަޔަކު އުއްމީދުކުރި ގޮތާއި ހިލާފަށް ކަންކަން ފެންނަމުންދާ އެއް ޓީމަކީ ގަދަފަދަ ޕޯޗުގަލްއެވެ. ގިނަބަޔަކު އެންމެ ހީކޮށްގެން ތިބީ ވޯލްޑްކަޕަށް ކޮލިފައިވާ ފުރަތަމަ ޓީމުތަކުގެ ތެރޭގައި ޕޯޗުގަލް ހިމެނޭނެ ކަމަށެވެ.

މީގެތެރޭގައި އެންމެ ބޮޑު މަގްސަދެއް ހާސިލުކުރުމުގެ އަޒުމުގައި ހުރި އެއް ކުޅުންތެރިއަކީ މި ޖީލު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުޓުބޯޅައިގެ ކެރިއަރުގައި ކުލަބް ކެރިއަރުގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. ގައުމީ ޓީމާއެކު ޔޫރޯއާއި ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފިއެވެ.

ރޮނާލްޑޯގެ މި ކާމިޔާބީތަކުގެ ލިސްޓަށް މަދުވަނީ ވޯލްޑްކަޕްގެ ތައްޓެއް އެކަންޏެވެ. ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާ އުމުރުން 36 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރަކީ ޕޯޗުގަލްއާއެކު ވޯލްޑްކަޕެއްގައި ވާދަކުރާނެ ފުރުސަތު ލިބޭނެ އެންމެ ފަހު ފަހަރަށްވުން އެއީ އެކަށީގެންވާ ކަމެކެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވާން ޕޯޗުގަލްއަށް މިހާރު އޮތީ އުނދަގޫ ހާލަތެކެވެ. ކޮލިފައިންގެ ގްރޫޕުގެ އެއްވަަނަ މަގާމާއެކު އޮޓަމެޓިކް ޖާގައެއް ލިބިގެން ކޮލިފައިވުމުގެ ދޮރު އެ ޓީމަށް ބަންދުވީ ސާބިއާ އަތުން 2-1 އިން ބަލިވުމުންނެވެ. އެއާއެކު ޕޯޗުގަލް ކޮލިފައިން ނިންމާލީ ގްރޫޕް އޭގެ ދެވަނައިގައި 17 ޕޮއިންޓާއެކު އެވެ. އެއްވަނަ މަގާމާއެކު ސާބިއާ ވޯލްޑްކަޕަށް ކޮލިފައިވީ 20 ޕޮއިންޓާއެކު އެވެ. މި މެޗުން އެއްވަރުކޮށްލައިގެން ވެސް ޕޯޗުގަލްއަށް ވޯލްޑްކަޕަށް ކޮލިފައިވެވެން އޮތެވެ.

ޕްލޭއޮފް ބުރުުގައި ހިމެނެނީ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕުތަކުގެ ދެވަނައަށް ދިޔަ ޓީމުތަކެވެ. މި ބުރުގައި ޖުމްލަ 12 ޓީމެއް ބައްދަލުކުރާއިރު މި ޓީމުތައް ތިން ގްރޫޕަކަށް ބަހާލާނެއެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު މި ކުރު މުބާރާތުގައި އެއް ލެގުގެ ސެމީފައިނަލް އަދި ފައިނަލް ކުޅޭނެއެވެ. މީގެތެރެއިން ވޯލްޑްކަޕަށް ކޮލިފައިވާނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމަށެވެ. އެހެންކަމުން މިއީ ޕޯޗުގަލްއަށް އުނދަގޫ ހާލަތަކަށް ވެދާނެއެވެ.

ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި މުބާރާތުގެ ހޯސްޓުގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން ޔޫރަޕު ބައްރުން 10 ގައުމަކާއި ދެކުނު އެމެރިކާގެ ދެ ގައުމެއް މިހާރު ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. ޔޫރަޕުން މިހާތަނަށް ކޮލިފައިވި ގައުމުތަކަކީ އިންގްލޭންޑާއި ސްވިޒަލޭންޑުގެ އިތުރުން ސާބިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަރުމަނު، ކްރޮއޭޝިއާ، ސްޕެއިން އަދި ނެދަލޭންޑްސް އެވެ. އެމެރިކާ ބައްރުން ކޮލިފައިވީ އާޖެންޓީނާ އާއި ބްރެޒިލް އެވެ.