ދުނިޔޭގެ އެންމެ މުއްސަނދި ކުލަބް، ނިއުކާސަލް ޔުނައިޓެޑުން، ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ވެސް ބަލިވެއްޖެއެވެ.

އާސެނަލް އާ ދެކޮޅަށް ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ނިއުކާސަލް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާގެ ސަބަބުން ނިއުކާސަލް ޔުނައިޓެޑް އޮތީ ތާވަލްގެ ފުލުގައި އެންމެ ހަ ޕޮއިންޓާއެކުގައެވެ.

ނިއުކާސަލް ޔުނައިޓް ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފައެވެ. އަދި ހަ މެޗުން ވަނީ އެއްވަރުވެފައެވެ.

ލީގުގެ 20 ޓީމުގެ ތެރެއިން 20 ވަނާގައި ނިއުކާސަލް އޮތް އިރު، އަންނަ ޖެނުއަރީ ޓްރާންސްފާގައި ސައުދީ އަރަބިއްޔާގެ ދައުލަތުގެ މުއްސަނދި ފަންޑުން އަގު ބޮޑު ކުޅުންތެރިން ގެނައުމަށް ބޮޑު ހަރަދެއް ކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ވަނީ ނިއުކާސަލް ޔުނައިޓެޑް ގަނެފައެވެ. ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ކުލަބުތަކުގެ ޖުމްލަ އާމްދަނީ އަދި ކުލަބުގެ ވެރިންގެ މިލްކިއްޔާތަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ

އެ ކުލަބުން އަންނަ ޓްރާންސްފަރ ބާޒާރުގައި ގާތްގަނޑަކަށް 272 މިލިއަން ޑޮލަރު ހޭދަކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އެއީ ކުލަބުގެ ދަރަނި ކޮންޓްރޯލްވެ ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ) ގެ ގަވާއިދުތަކަށް ކުލަބުގެ ދަރަނީގެ އަދަދު ފެތޭތީއެވެ. އެ ކުލަބުގެ ދަރަނި އޮތީ ވަރަށް ބޮޑުތަން ކޮންޓްރޯލްކޮށްފައެވެ.

އެ ކުލަބުގެ އާ ބޯޑުގެ ޓާގެޓަކީ ކުރިޔަށްއޮތް އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ބާރަކަށް ނިއުކާސަލް ވުމެވެ. ނިއުކާސަލް އަކީ އިނގިރޭސި ފުޓުބޯޅައިގައި ގިނަ ސަޕޯޓަރުންތަކެއް ހިމެނޭ ކުލަބެކެވެ. ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލް އިން މިހާރުވެސް ވަނީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކުޅުންތެރިންތަކެއް ގަތުމަށް އެ ކުޅުންތެރިންނާއި މަޝްވަރާކުރަން ފަށާފައެވެ.

އެކަމަކު، ނިއުކާސަލްގެ ނަތީޖާ ދަށް ނަމަ، އެ ކުލަބަށް އަންނަ މޮޅު ކުޅުންތެރިން މަދުވެދާނެއެވެ.